ޚަބަރު

ބަޖެޓުގެ ބޭރުން ޕްރޮޖެކްޓުތައް ހިންގާފައިވާނީ ހަމައެކަނި ކޮވިޑުގެ އެމަޖެންސީ ހާލަތުގައި، ހުއްދަ ހޯދައިގެން: އަމީރު

މުހައްމަދު އިޝާން

1

ބަޖެޓުގެ ބޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގާ ކަމަށް ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފިނޭންސް މިނިސްޓްރީއަށް ކުރާ ތުހުމަތުތަކަށް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ރައްދުދެއްވައިފިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ޕީއެސްއައިޕީ ހިންގަނީ ބަޖެޓުގެ ތެރެއިން އެކަމަށް ގާނޫނުތަކުން ހުއްދަދީފައިވާ މިންވަރަށް ކަމަށާއި ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ބަޖެޓުގެ ބޭރުން ހިންގާކަން ފާހަގަކުރެވިފަައި ނެތް ކަމަށެވެ. އަދި ބަޖެޓުގެ ބޭރުން މަޝްރޫއުތައް ހިންގާފައިވަނީ ވަކި ހާލަތްތަކެއްގައި އެކަނި ކަމަށް ވެސް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮންޓެންޖެންސީގެ ތެރެއިން އިމަޖެންސީ ހާލަތެއްގައި ރައީސް އޮފީހުގެ ހުއްދައާއެކު ޕީއެސްއައިޕީ ޕްރޮޖެކްޓެއް ހިންގައިފާނެ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ކޮވިޑާ ގުޅިގެން މެޑިކަލް ފެސިލިޓީއެއް ގާއިމުކުރަން ނޯންނާނެ ކަމަށާއި ނަމަވެސް މެޑިކަލް ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

ވިހާވެސް ބޮޑަކަށް އިސްކަން ދެނީ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރަން ކަމަށްވިޔަސް އެމަޖެންސީ ހާލަތުގައި ކޮވިޑް ފެސިލިޓީތައް ގާއިމުކުރިގޮތަށް ބައެއް ކުދި މަޝްރޫއުތައް ހިންގިދާނެ ކަމަށް އަމީރު ގަބޫލުކުރައްވައެވެ. ކުދި މަޝްރޫއުތައް ހިންގަން ވާނީވެސް ގާނޫނުގެ އިމުގެ ތެރެއިން ކަމަށާއި އެ އިމުގެ ތެރެއިން ގއ. ވިލިގިލި ކޮވިޑް ފެސިލިޓީ އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްގީކުރިކަން އަމީރު ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، މަޖިލީހުގެ ބައެއް މެމްބަރުން ބަހުސަށް ބަޖެޓު ކުރާއިރު ކޮވިޑުގެ ސަބަބުން ރާއްޖެއަށް ދިމާވި އިގުތިސޯދީ ހާލަތަށް ރިއާޔަތް ނުކުރާ ކަމަށާއި ގިނަ މެމްބަރުން ދައްކަވަނީ ސިޔާސީ ވާހަކަތެކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ އެއްކޮށް ހުއްޓި، ފައިސާ ވަންނާނެ މަގުތައް ބަންދުވުމުން ދެން ޖެހުނީ ލޯނު ނަގަން ކަމަށާއި، ލޯނު ނުނެގިނަމަ ގައުމުގެ އިގުތިސޯދު 13 އަހަރު ފަހަތަށް ގޮސް އެކަމުން އަރައިނުގަނެވޭނެ ކަމަށެވެ. ނަމަވެސް ލޯނު ނަގައި ސިވިލް ސާވިސް އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް މުސާރަ ދިނުމުން ރާއްޖޭގެ އިގުތިސޯދު މުޅިން ގޯސްނުވެ ވަކިވަރެއްގައި ހިފަހައްޓައިލެވުނު ކަމަށެވެ.

ކޮވިޑުގެ ހާލަތުން ދިމާވި ގެއްލުންތަކުން ރާއްޖެއަށް އަރައިގަނެވެނީ ދުނިޔެ ކޮވިޑުން ސަލާމަތްވެގެން ކަމަށާއި އެއީ އެހެން ގައުމެއްގެ ސަބަބުން ރާއްޖޭގައި ކޮވިޑު އާންމުވުމުގެ ފުރުސަތު އޮތުމަކީ އިގުތިސޯދަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.