ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލައިފިއެވެ.
ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އޮފީސްތަކުން އަޅަން އަންގާފައިވާ ހަރަދު ކުޑަކުރުމަށް އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ފިނޭންސްގެ ހުއްދަ ނެތި އާ މުވައްޒަފުން ނުނެގުމާއި، މިހާރު ނުދޭ އާ އެލަވެންސްތައް ދިނުން އަދި ވަކިވާ މުވައްޒަފުންގެެ ބަދަލުގައި އާ މުވައްޒަފުން ނުނެގުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، އެ ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުމަށް ވަނީ އެދިފައެވެ.
ސިވިލް ސާވިސްގެ ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ އުސޫލު އުވާލާފައިވާ އިރު، ސަރުކާރުގެ ބައެއް ދާއިރާތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށާއި ހިދުމަތްތައް ހަރުދަނާކުރަން ބޭނުންވާ ވަޒީފާ އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 622.6 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.