ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) މުވައްޒަފެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފެެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:07 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އަދި އެމީހާއަށް ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) "ވަން" އަށް މިއަދު ވިދާޅުވީ، އެފަދަ މައުލޫމާތެއް މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެ މާރާމާރީ ހިންގާފައިވަނީ އާރުޑީސީގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއްގެ ފިރިމީހާ، އާރުޑީސީގެ ސައިޓަށް އައިސްގެން ކަމަށެވެ. އަދި ދަގަނޑުބުރިއަކުން ހަމަލާ ދިނުމުގެ ސަބަބުން އަނިޔާ ލިބުނު މުވައްޒަފުގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައި ކަމަށެވެ.

އެހެން ނަމަވެސް އަންހެން މުވައްޒަފުގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބޭ ކަމުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށްވެސް މޫކޭ "ވަން" އަށް ވިދާޅުވިއެވެ.