ޚަބަރު

ފައިސާ ޗާޕު ކުރެވޭ އަދަދު 2.5 ބިލިއަނަށް ކުޑަކޮށް، މުއްދަތު އިތުރުކުރަން ފާސްކޮށްފި

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ފިނޭންސް މިނިސްޓްރީން އެދިފައިވާ އަދަދު ދަށްކޮށް، ރައްޔިތުންގެ މަޖިލީހުން ފިނޭންސަށް ދީފައިވާ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ނިޔަލަށް އިތުރުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރުފިޔާ ޗާޕް ކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައިގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމަށްފަހު ކޮމިޓީން ވަނީ ބައެއް ބަދަލުތައް ގެނެސް، ފައިސާ ޗާޕް ކުރުމުގެ މުއްދަތު އިތުރުކުރަން ހުއްދަ ދީފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ ފައިސާ ޗާޕުކުރަން ދީފައިވާ 4.4 ބިލިއަން ރުފިޔާގެ ސީލިންގުން 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އެ ހުށަހެޅުމުގައި ވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމުގައެވެ. ފިނޭންސް މިނިސްޓްރީން އެދުނީ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ދަންމާލުމަށެވެ.

އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިއުރިޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުމަށްވެސް މިނިސްޓްރީން އެދުނެވެ.

މައްސަލައިގައި ގޮތެއް ނިންމުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރޫ މޫސާ ހުށަހެޅުއްވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކާއި އުސޫލުތަކަށް އަމަލުކުރުން ފަސްކުރުމުގެ އިސްތިސްނާ މުއްދަތު 31 ޑިސެމްބަރު 2023 އާ ހަމައަށް އިތުރުކުރުމަށެވެ.

މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯކުރެވެފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެމްއެމްއޭ އިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށެވެ. އަދި އެ ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކު %2.5 ކަމުގައި ކަނޑައެޅުމަށްވެސް އަބްދުލްގަފޫރޫ ހުށަހެޅުއްވިއެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2022 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމުގައި ކަނޑައެޅުމަށާއި 1 ޖެނުއަރީ 2022 އިން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯ ކޮށްފައި ހުންނަ ކޮންމެ ދުވަހަކަށް، އޯވަޑުރޯ ކޮށްފައި ހުންނަ އަދަދުން އަހަރަކަށް 0.1 ޕަސެންޓް ރޭޓުގެ އިންޓްރެސްޓެއް އެމްއެމްއޭއަށް ނެގުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުންތަކަށް ތާއީދު ކޮށްފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފެވެ. އޭނާ ހުށަހެޅި ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިިނިސްޓަރު ވިދާޅުވީ ފައިސާ ޗާޕު ނުކުރާނަމަ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓް 26 ބިލިއަނަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިދާނެ ކަމަށާއި އަދި ސިވިލްސާވިސް މުވައްޒަފުންގެ އަދަދު މަދުކޮށް މުސާރަތައްވެސް ކުޑަކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގައި އެމްއެމްއޭގެ ލަފަޔާ ގުޅިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީރު ވަނީ އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ރަނގަޅު ކަމަށް އަމީރު ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ފައިސާ ޗާޕު ކުރުގައި ރިސްކުތަކެއް ހުރި ނަމަވެސް ވޭތުވެދިޔަ 18 މަސް ދުވަހު އެ ކަންކަން މެނޭޖު ކުރި ގޮތަށް ކުރިއަށް އޮތްތަނުގައި ވެސް މެނޭޖު ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ބައެއް މާއްދާތަކަށް އަމަލުކުރުން އިސްތިސްނާކޮށް، ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފުރަތަމަ، އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ފާސްކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގައެވެ. އެ މުއްދަތު އެއް އަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދީފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ.

އެމްއެމްއޭއިން މަޖިލީހަށް ހުށަހެޅީ 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ މުއްދަތު އިތުރުކޮށްދިނުމަށްފަހު އަންނަ އަހަރުގެ ނިޔަލަށް އޯވާޑްރޯ ކުރި އަދަދުގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ ބާކީ ސެކިއުރިޓައިޒް ކުރުމަށެވެ. އަދި މިހާރު 4.4 ބިލިއަން ރުފިޔާގެ އޯވާޑްރޯ މުއްދަތު އިތުރުކޮށްދިނުމަށްފަހު އަންނަ އަހަރުގެ މެއިގައި އެ އަދަދު 2.5 ބިލިއަން ކުޑަކުރުމަށާއި އަހަރު ނިމޭއިރު ބާކީ ހުރި ބައި ސެކިއުރިޓައިޒް ކުރުމަށެވެ.

މީގެ އިތުރުން ޕަބްލިކް ބޭންކު އެކައުންޓުން އޯވާޑްރޯ ކުރާ އަދަދު އަނބުރާ ދައްކާއިރު ފިނޭންސުން މިހާރު ހުށަހަޅާފައިވާ އިންޓްރެސްޓް 0.1 ޕަސެންޓަށް ވުރެ ބޮޑުކުރުމަށްވެސް އެމްއެމްއޭއިން ހުށަހެޅިއެވެ.