އެމްޓީސީސީން ސިލްސިލާކޮށް ބާއްވާ "ކަށަވަރު ޕްރޮމޯ"ގެ މިއަހަރުގެ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން "ކަށަވަރު ޕްރޮމޯ"ގެ ނަމުގައި ކޮންމެ އަހަރެއްގެ ނިމުމާ ދިމާކޮށް ސިލްސިލާކޮށް ބާއްވަމުންދިޔަ ޕްރޮމޯޝަން، މިދިޔަ އަހަރު މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ބޭއްވިފައެއް ނުވެއެވެ. އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރު އަލުން "ކަށަވަރު ޕްރޮމޯ 2021"ގެ ނަމުގައި އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

މިއަހަރުގެ ކަށަވަރު ޕްރޮމޯ ފެށުމުގެ ގޮތުން އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މިއަހަރުގެ ކަށަވަރު ޕްރޮމޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ފައިސާ ދައްކައި ތަކެތި ގަންނަ ފަރާތްތަކަށް ކަމަށާއި އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓުތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް އާއި ކާސްޓްރޯލް އަޑީތެލާއި ޕީޕީޖީ ކޯޓިންގްސް އާއި ސްކޮޓް ބާޑާ ފައިބަރު ސާމާނާއި އިންޑަސްޓްރިއަލް ގޭސްގެ އިތުރުން މެރިން ލައިޓު ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 89،000 ރުފިޔާގެ އަގުހުރި ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މާލޭ ބަނދަރު މަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުމާއި، ކ. ތިލަފުށި، ކ. ގުޅި ސްލިޕްވޭ، ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާޑާއި ޑޮކް ޔާޑުތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓުތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އަބަދުވެސް ރާވައި ހިންގަމުން ގެންދާނެ ކަމަށް ބުންޏެވެ.