ދެހާސް ބާރަ ވަނަ އަހަރު ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނެއްގެ މަގާމުގައި ހުރެގެން މުހައްމަދު އިމްތިޔާޒް ހިންގި ކަމަށް ތުހުމަތުކުރެވޭ، 1.5 މިލިއަން ރުފިޔާގެ ހިޔާނާތުގެ ކުށް އޭނާގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
އިމްތިޔާޒުގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިދު ފައިދާ ހޯދުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ. އިމްތިޔާޒުގެ މައްޗަށް އެ ދައުވާ ކުރަނީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ފިހާރަތަކަށް ފެލިވަރުން އާދަޔާ ހިލާފަށް ކުޑަ އަގެއްގައި މަސްދަޅު ސަޕްލައިކުރި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ތަހުގީގުކޮށް ބެލި އިރު، ރަޖިސްޓްރީ އާ ނުކުރުމުން އުވާލާފައިވާ އޮތް ކުންފުންޏެއްގެ ނަމުގައި 1.5 މިލިއަން ރުފިޔާގެ މަސްދަޅު ކްރެޑިޓަށް ނަގައި އެ ފައިސާ ދައްކާފައި ނުވާކަން ތަހުގީގަށް ހާމަވެފައިވާތީއެވެ.
އޭސީސީން އެ މައްސަލަ ބެލުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ޕީޖީން އެ މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ވަނީ 26 އަޑުއެހުމެއް ބާއްވައިފައެވެ. އެންމެފަހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވީ ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުމުގެ އަޑުއެހުމެވެ.
އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ ޝަފަވީ ހެކިވެރިންނެވެ. އެއީ އޭރު ފެލިވަރުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރަކަށް ހުންނެވި މުހައްމަދު އަރީފެވެ. ހެކިބަސް ދެމުން އަރީފު ވިދާޅުވީ، އިމްތިޔާޒު އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "އޭއެންޔޫ ފްރެޝް ފާމް"އަށް 2000 ދަޅު މަސް ކޭސް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެ މުއާމަލާތާ ގުޅޭ އެގްރީމެންޓެއް ނުހަދާ ކަމަށާއި، އެކައުންޓިން ޑިޕާޓުމެންޓުން ކުރިހާވެސް ކަމަކީ، އިންވޮއިސް ޕްރިންޓް ކުރުމަށްފަހު ސްޓޭމްޕް ޖެހުން ކަމަށެވެ.
ދެން ހެކިބަސް ދީފައިވަނީ އަލީ އަހުމަދެވެ. އޭނާއަކީ އޭރު ފެލިވަރުގެ މެނޭޖިން ޑިރެކްޓަރެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ، އިމްތިޔާޒު ފިހާރައަށް އަގުހެޔޮކޮށް 2000 މަސްދަޅު ކޭސް ފޮނުވީ އޭނާއަށް އެނގިގެން ނޫން ކަމަށާއި 2000 މަސްދަޅު ދޫކުރި ފިހާރައަކީ އިމްތިޔާޒުގެ ހިއްސާ އޮންނަ ފިހާރައެއްކަން އެނގޭ ކަމަށެވެ.
އެ ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށްފަހު އަޑުއެހުން ވަނީ ނިންމާލައިފައެވެ. ދެން އޮންނަ އަޑުއެހުމުގައި ވެސް އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހެޅި އިރު، މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ މިވަގުތު ޗުއްޓީގައި ހުންނެވުމުން، މިހާރު މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު