މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަންތަކުގެ ދައުވާތަކުން ދިފާއުވާން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތަހުގީގަށް ދީފައިވާ ބަޔާން ބޭނުންވާ ކަމަށް ނިހާންގެ ވަކީލު ވިދާޅުވެއްޖެއެވެ.
ނިހާނުގެ މައްޗަށް ދައުލަތުން ހަ ދައުވާކުރެއެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މިއަދު ވަނީ އެ މައްސަލަތަކާ ގުޅިގެން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން ބާއްވައިފިއެވެ. މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ދެ ފަރާތުން ވެސް ހެކި ހާމަކުރަން ފުރުސަތު ދިނުމަށް ބޭއްވި އަޑުހުމެކެވެ.
ދައުލަތުން ހެކި ހާމަކުރުމުގެ ކުރިން ނިހާނުގެ ވަކީލު ހުސްނީ މުބާރިކު ވިދާޅުވީ، ދައުލަތުގެ ހެކި ހާމަކުރުމުގެ ކުރީން ދިފާއުގެ ފަރާތުން ހުށަހަޅާފައިވާ ފޯމުތަކައް ދައުލަތުން ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކޯޓަށް ހާޒިރުވެ ތިބެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ހުސްނީ މުބާރިކު އެދުނެވެ. އޭނާ އެގޮތަށް އެދުނީ ޕީޖީގެ ވަކީލުން ކެމެރާއަށް ނާރާނެހެން ފަރުދާގެ ފުރަގަހުގައި ހުންނަ ވަކީލެއްގެ އިރުޝާދު ހޯދާކަމަށް ތުހުމަތުކުރުމަށްފަހުއެވެ. އެ ތުހުމަތާ ގުޅިގެން ދައުލަތުން ވިދާޅުވީ ފަރުދާގެ ފުރަގަހުގައި ވަކީލަކު ނެތް ކަމަށެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ކޯޓަށް ހާޒިރުވެ ތިބެ ޝަރީއަތް ކުރިއަށް ގެންދިޔުމަށެވެ. އޭގެ 48 މިނިޓު ފަހުން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުން ކޯޓަށް ހާޒިރުކޮށްގެންނެވެ.
ކޯޓުގައި ވާހަކަ ދައްކަވަމުން ހުސްނީ މުބާރިކް ވިދާޅުވީ، ފެބްރުއަރީ މަހު ޕީޖީ އޮފީހަށް ފޮނުވި ފޯމުތަކުގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ. އެ ފޯމުތަކުގައި ދިފާއުން އެދިފައިވަނީ، ނިހާނުގެ މައްސަލައާ ގުޅުން ހުރި ކޮރަޕްޝަނުގެ ދައުވާ ލިބޭ އެއްވެސް މީހަކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރިތޯ އާއި ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ސައިމަން އެކްސްޓިން އާ ބެހޭ މައުލޫމާތު ދިނުމަށެވެ. ދިފާއުން ތުހުމަތުކުރާ ގޮތުގައި ސައިމް އެކްސްޓިންއަކީ ހިޔާލީ މީހެކެވެ. މީގެ އިތުރުން ދިފާއުން ވަނީ އަހުމަދު އަދީބު ނިހާނުއާ ދެކޮޅަށް ދިން ބަޔާން ވެސް ހޯދަން އެދިފައެވެ.
ހުސްނީ މުބާރިކް ވިދާޅުވީ، އަދީބުގެ ބަޔާން ނުލިބުމުގެ ސަބަބުން ދިފާއަށް ހެކި ބިނާކުރަން ނޭނގޭނެ ކަމަށެވެ. އެހެންކަމުން އަދީބުގެ ބަޔާން ދައުލަތުން ފޯރުކޮށް ނުދެނީސް ހެކި ހާމަކުރުމުގެ މަރުހަލާ ކުރިއަށް ނުގެންދިޔުމަށް އެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ފެބްރުއަރީ މަހު އޭސީސީން ވެސް އަދީބުގެ ބަޔާން ހޯދަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ދައުލަތުން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ވަރަށް ގިނަ އިދާރާތަކަށް އެކި މީހުންނާ ދެކޮޅަށް ބަޔާންދީފައިވާނެ ކަމަށެވެ. އެހެންކަމުން އެ ބަޔާން ހޯދައި، ދިފާއުން އެދިފައިވާ އެހެނިހެން މައުލޫމާތު ފޯރުކޮށް ދިނުމަށް ވަގުތު ބޭނުން ވާނެ ކަމަށެވެ. ދައުލަތުން އެގޮތަށް ވިދާޅުވުމުން ގާޒީ އަލީ އާދަމް ވަނީ ދިފާއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރުން ދިފާއަށް އެ ލިޔެކިޔުންތައް ދިރާސާކޮށް ހެކި ތައްޔާރުކުރަން ވެސް ގާޒީ އަލީ އާދަމް ވަނީ 10 ދުވަހުގެ ފުރުސަތެއް ދީފައެވެ. ދިފާއަށް ދީފައިވާ 10 ދުވަހުގެ މުއްދަތުގެ ގުނަން ފަށާނީ ދައުލަތަށް ދިން މުއްދަތު ހަމަވާ ދުވަހުން ފެށިގެންނެވެ.
މިއަދުގެ ޝަރީއަތް ނިންމާލީ 20 ދުވަސް ފަހުން ހެކި ހާމަކުރުމުގެ ބައި ކުރިއަށް ގެންދާނެ ކަމަށް ކަނޑައަޅައިފައެވެ.
ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަަތް ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ.
ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާ ކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޕީޖީއިން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީއިން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު