ޚަބަރު

ކޮވިޑުގައި އިތުރު މަރެއް، ރާއްޖޭގެ ޖުމުލަ 248 އަށް

އައިޝަތު ނިއުޝާ

ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 248 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، މަރުވެފައިވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އަދި އޭނާ މަރުވެފައިވަނީ ރޭ ދަންވަރު 2:01 ގައި ކަމަށެވެ.

މިއަދުގެ މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 248 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 231 ދިވެހީންނާއި 17 ބިދޭސީންނެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.