ލައިފް ސްޓައިލް

ހަތަރު ކަންފަތް ލީ މި ބުޅަލަށް އިންސްޓްގްރާމްގައި ބޮޑު ސަމާލުކަމެއް

ހަތަރު ކަންފަތް ލީ ބުޅަލެއްގެ ފޮޓޯ އާއްމުވެ ގިނަ ބައެއްގެ ސަމާލުކަން މި ބުޅަކަށް ހުއްޓިއްޖެއެވެ.

މިޑާސް ނަމަކަށް ކިޔާ މި ބުޅަލުގެ ފޮޓޯ އިންސްޓަގްރާމުގައި ދައުރުވަމުން އަންނަނީ އެބުޅަލަށް ލިބިފައިހުރި އައިބުގެ އިތުރުން ބުޅާ ރީތި ވީމާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ. މިޑާސްގެ ފޮޓޯ އާއްމުކުރި އިންސްޓަގްރާމު އެކައުންޓަށް ވަނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި 47،000 ފޮލޯވަރުން ލިބިފައެވެ.

4 މަހުގެ ކުޑަ ކުޑަ މި ބުޅަލަކީ ތުރުކީގައި ގެންގުޅޭ ބުޅަލެކެވެ. ކޭނިސް ޑޮސެމެސީ ނަމަކަށް ކިޔާ މީހަކު، އޮޅު ކޮށްގެން ގެންގުޅޭ މިބުޅަލަކީ އޭނާ ބުނާގޮތުގައި ވެރިޔަކު ނެތް ބުޅަލެކެވެ. ކޭނިސްގެ ރަހުމަތްތެރިއެއްގެ ގޭގެ ބިއްދޮށުގައި މަގުމަތީ އުޅޭ އެސޮރުގެ މަންމަ ވިހެއި 6 ބުޅަލުގެ ތެރެއިން މިޑާސް އޭނާގެ ބުޅަލެއްގެ ގޮތުގައި މި ބުޅާ ގެންގުޅެން ބޭނުން ވީ ކަމުގައި ކޭނިސް ވަނީ ބުނެފައެވެ.

މިޑާސް އަށް ލިބިފައިވާ ހަތަރު ކަންފަތަކީ އުފެދުމުގައި ހުރި އައިބެއް ކަމަށާއި އެ ސޮރުގެ ކަންފަތަށް ރަނގަޅަށް އަޑު އިވޭ ކަމަށްވެސް ކޭނިސް ވަނީ ބުނެފައެވެ. އަދި މި ބުޅާ ބަލަހައްޓަމުން އަންނައިރު، އެސޮރަށް އިތުރު އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައިވޭތޯ ބެލުމަށް ޗެކަޕެއް ހެދުމަށް ގެންދާނެ ކަމަށް އޭނާ ބުނެއެވެ.

މިޑާސް އަކީ ވަރަށް ކުޅެން ބޭނުންވާ ބުޅަލެއް ކަމަށާއި ރޭގަނޑު ނުނިދައި އުޅެން ބޭނުންވާ ބުޅަލެއް ކަމުގައި ވެސް ކޭނިސް ވަނީ ބުނެފައެވެ. ''މިޑާސް އެންމެ ބޮޑަށް ނިދަން ބޭނުންވާނީ އަހަރެންގެ މޭ މަތީ ނޫނީ ކޮނޑުމަތީ. ވޫލާ ކުޅެން ވަރަށް ވަރު ހުންނާނެ، އެ ފޮރުވައިގެންވެސް ގެންގުޅޭނެ'' ބުޅަލަށް އޮތް ލޯބި ހިއްސާކުރަމުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ކޭނިސް ބުނެފައިވެއެވެ.

ކޭނިސް މި ބުޅަލުގެ ފޮޓޯ އާއްމުކުރުމާއެކު ގިނަ ބަޔަކަށް ވަނީ މި ބުޅާ ރީތިވެގެން ކޮމެންޓުކުރަން ފަށާފައެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެ ބުޅާ ހަމަ ރީތީ އެވެ.