ލައިފް ސްޓައިލް

އެހެން މީހުންގެ ވާހަކަ ދެއްކުމުގެ ކުރީން ވިސްނައިލާށެވެ.

އަހުމަދު މިސްބާހު މުނީރު

ދުވަހަކީ މޫސުން ރީތި ހިތްގައިމު ދުވަހެކެވެ. ދުވަހުގެ ހިތްގައިމު ކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހެޔޮވަރު ވަރަކަށް ޖެހެމުން އަންނަ ވައިރޯޅި އާއެކު ކަނޑުގައި ދެކޮޅަށް ދަތުރުކުރާ އެކި ވަރުގެ އުޅަނދުތަކުގެ ހަރަކާތް ތަކުންނެވެ. މިފަދަ ހިތްގައިމު ވަގުތެއްގައި ބަބުޅަޕުޓިޔާ ރޭލު އިސްޓޭޝަނުގައި ފުރަން ގޮސް ތިބި އެކި އުމުރުފުރާގެ ފަސިންޖަރުންގެ ތެރެއިން ވަކީން ތިބި ޒުވާން ކުދިންކޮޅެއް އަޑުގަދަކޮށް މަޖާ ނަގަމުން ދެއެވެ.

އެއީ ވަރަށް ހަރަކާތްތެރި އިސްޓޭޝަނެކެވެ. އެތަނުގައި ގާޑިއާ ރެސްޓޯރެންތަކާއި، ޖޫސް ފިހާރަތަކާއި، ކޮފީ އަދި ސައި ފިހާރަތަކާއި، ނޫސް ވިއްކާ ތަންތަން ހިމެނެއެވެ.

ރޭލު އަންނަ ވާހަކަ އިއުލާން ކުރުމާ އެކު އެންމެންވެސް އެމީހަކު އަރަން ޖެހޭ ދޮރާއްޓަކުން ރޭލަށް އަރަން ތައްޔާރުވާން ފަށައިފިއެވެ. އެއްކަލަ ޒުވާން ފުރައިގެ ކުދިންތައް ވެސް އެހެން މީހުންނަށް ވުރެ ކުރިން އެމީހުން ތިބި ތަނުން ތެދުވެގެން ހަޅޭއްލަވަމުން ދުވަމުން ދުވަމުން ގޮސް ރޭލަށް އަރައި އެމީހުންގެ ގޮނޑިތަކުގައި އިށީނދެއްޖެއެވެ.

ރޭލު ފުރުމުގެ ކަށިގަނޑުގެ އަޑާއެކު މަޑުމަޑުން ކުރިއަށް ދުއްވާލައިފިއެވެ. އެވަގުތު ދިހަ ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި މެދު އުމުރުގެ ފިރިހެނަކު ދުވަމުން ކަހަލަ ގޮތަކަށް އައިސް ރޭލަށް އަރައިފިއެވެ. ކަންދިމާކުރި ގޮތުން އެ ދެމީހުންގެ ގޮނޑި ހުރީ އެއްކަލަ ޒުވާންފުރައިގެ ކުދީންތަކުގެ ގޮނޑިތަކާ ޖެހިގެންނެވެ.

ކުޑަ ފިރިހެންކުއްޖާ ވަރަށް ހައިރާންވެގެން އެކި ދިމަދިމާލަށް ބަލަމުން ގެންދިޔައެވެ. އަދި މެދު އުމުރުގެ ފިރިހެންމީހާ އާއި މުހާތަބުކޮށް ބުންޏެވެ. ބައްޕާއެވެ. ރޭލު ދުވާ ވަރަކަށް އިމާރާތްތައް ފަހަތަށް ދަނީއެވެ. އެކުއްޖާގެ ބައްޕަ ހިނިތުންވުމާއެކު ބޯ ޖަހާލިއެވެ. ރޭލު ބާރަށް ދުއްވާލުމާއެކު އެކުއްޖާ އުފާވެރިކަމުގެ ހަޅޭކަކާއެކު ބުންޏެވެ. ބައްޕާއެވެ، ފެހިކުލައިގެ ގަސްތައް ބާރުބާރަށް ފަހަތަށް ދަނީއެވެ. އެކުއްޖާގެ ބައްޕަ މިފަހަރުވެސް ހިނިތުންވުމަކާ އެކު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ.

ކުޑަ ކުއްޖެހެން ހައިރާންކަމާ އެކު އެ ކުއްޖާ އޭނާގެ ބައްޕަޔާ ވާހަކަ ދައްކަމުން ގެންދިޔައީ އޭނާޔަށް އެ ދަތުރުމަތީގައި ފެންނަމުން ދިޔަ މަންޒަރުތަކާ އެކިއެކި ކަންތަކާ ގުޅޭ ގޮތުންނެވެ.

އެއްކަލަ ޒުވާންފުރައިގެ ކުދީންތައް އެ ކުއްޖާ އުޅޭ ނޫޅޭ ގޮތް ބަލަމުން ގެންދިޔައެވެ. އަދި އެތަނުން އެކަކު ކުޑަ ކުއްޖާގެ ބައްޕަޔާ ސުވާލުކުރިއެވެ. މި ކުއްޖާގެ މައްސަލައެއް އުޅޭ ހެއްޔެވެ؟ އޭނާ އާދަޔާ ހިލާފު ގޮތަކަށް އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި އޭގެ ތެރެއިން ބައެއް ކުދިން މަޖަލަކަށް ހަދާފައި ބުންޏެވެ. އެވާނީ މޮޔަ ކުއްޖަކަށެވެ.

ކުޑަ ކުއްޖާގެ ބައްޕަ ކެތްތެރި ކަމާއި އެކު ބުންޏެވެ. "އަހަރެންގެ ދަރިފުޅު ދުނިޔެއަށް އައީ ލޯފަން ކުއްޖެއްގެ ގޮތުގައެވެ. އޮޕަރޭޝަނެއް ކޮށް އޭނާގެ ލޮލުގެ ފެނުން އަނބުރާ ލިބުނީ އިހަކަށް ދުވަހުއެވެ. އޭނާއަށް ތަފާތު ކަންތައްތަކާއި، ތަންތަނާއި އެއްޗެހިތައް އެފެންނަނީ އަލަށެވެ."

އެއްކަލަ އޮޅީގެ އެންމެން ދެރަވެ ހަމަހިމޭން ވެއްޖެއެވެ. އަދި އެ ކުޑަކުއްޖާ އާއި އެކުއްޖާގެ ބައްޕަގެ ފަރާތުން މައާފަށް އެދުނެވެ.

އިބުރަތް: މީހަކު ބަލާފައި، ނުވަތަ މީހަކު އުޅޭ ގޮތް ބަލާފައި އޭނާއަކީ ކޮންކަހަލަ ކަންތައްތަކެއް ތަޖުރުބާކޮށްފައިވާ އަދި ކުރަމުންދާ މީހެއް ކަމެއް ނޭނގޭނެއެވެ. ވީމާ، މީސްމީހުންނާ ގުޅޭ ގޮތުން އެކި ކަހަލަ ވާހަކަ ދެއްކުމުގެ ކުރިން ވިސްނައިލަށެވެ. ބަސްބުނުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. އެހެންނަމަ ވެސް ތިމާގެ ދުލުން ބަސްބޭރުވުމަށް ފަހު ތިމާ އެބަހުގެ އަޅަކަށް ވެދެއެވެ.