އއ. މަތިވެރި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖު (އެލްކޭޖީ، ޔޫކޭޖީ)ގެ ޓީޗަރެއް މާ ގިނައިން ސަލާމް ބުނާ މައްސަލަ ހޫނުވެ، ބެލެނިވެރިން އިހުތިޖާޖުކޮށްފިއެވެ.
މަތިވެރީ ކައުންސިލްގެ މެންބަރަކު "ވަން" އަށް ވިދާޅުވީ، ބެލެނިވެރިން އިހުތިޖާޖުކޮށްފައިވަނީ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައިދިނުމަށް އެރަށުގައި ތިބޭ ދެ ޓީޗަރުން ކުރެ ޓީޗަރަކު މާ ގިނައިން ސަލާމް ބުނާތީ ކަމަށާއި އެ ޓީޗަރު ސަލާމް ބުނުމުން ބައެއް ދުވަހު ކްލާސްތައް ނުބޭއްވޭ ކަމަށެވެ. ބައެއް ފަހަރު ދެ ޓީޗަރު އެއްފަހަރާ ސަލާމް ބުނުމުން ކްލާސްތައް އެއްގޮތަކަށްވެސް ނަގައިނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ މަތިވެރި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ކުދިން މިއަދު ސްކޫލަށް ނުފޮނުވައި ބެލެނިވެރިން ވަނީ މިއަދު ހެނދުނު ސްކޫލު ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ.
ކައުންސިލް މެންބަރު ވިދާޅުވީ، އެރަށު ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގައި 43 ކުދިން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ ޔޫކޭޖީގައި 24 ކުދިން އަދި އެލްކޭޖީގައި 19 ކުދިންނެވެ.
"އެޑިއުކޭޝަނުން މި ބުނަނީ ކޮންމެ 25 ކުއްޖަކަށް ޓީޗަރެއް ހުންނަން ޖެހޭ ވާހަކަ. އެކަމު ކިހިނެއްތޯ ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ކްލާހުގައި ހިމެނޭއިރު އެންމެ ޓީޗަރަކުން އެވަރުގެ ކްލާހެއް މެނޭޖުކުރާނީ،" ކައުންސިލް މެންބަރު ވިދާޅުވިއެވެ.
ކައުންސިލް މެންބަރު އިތުރަށް ވިދާޅުވީ، ބެލެނުވެރިންގެ ކަންބޮޑުވުންތައް ކައުންސިލާވެސް ހިއްސާކޮށްފައިވާ ކަމަށާއި ބެލެނިވެރިންގެ އެދުމަކީ އިތުރު ޓީޗަރަކު ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެކަން ކައުންސިލުން ކަމާ ބެހޭ އިދާރާތަކާއި މިނިސްޓްރީތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު