ދުނިޔެ

36 އަހަރު ކުރީން ގޮވައި 25000 މީހުން މަރުވި ފަރުބަދައަކުން އަނެއްކާވެސް ދުން އަރައި އަޅި ބުރަން ފަށައިފި

ކޮލަމްބިއާގެ އަވަށެއްގައި މީގެ 36 އަހަރު ކުރިން ފަރުބަދައެއް ގޮވައި އާބާދީގެ ދެބައިކުޅަ އެއްބައި ނެތިކޮށްލި ފަރުބަދަ އަނެއްކާވެސް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ހާދިސާއަށް 36 އަހަރު ފުރިފައިވާއިރު ނެވާޑޯ ޑެލް ރުއިޒް ފަރުބަދައިން ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ ދުމާއި އަޅި ބޭރުކުރަމުން ކަމުގައި ކޮލަމްބިއަން ޖިއޮލޮޖިކަލް ސާވިސް އިން ވަނީ ރިޕޯޓުކޮށްފައެވެ. ކޮލަމްބިއާގެ ހުޅަނގު ސަރަހައްދުގައި ހުންނަ މި ފަރުބަދަ އަކީ ރިންގް އޮފް ފަޔާގައި ހިމެނޭ ފަރުބަދަ އެކެވެ.

1985ވަނަ އަހަރު މި ފަރުބަދަ ހަރަކާތްތެރިވާން ފަށައި އެއަހަރުގެ ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު ފަރުބަދަ ގޮވައި އަރްމޭރޯ ޓައުނުގައި ދިރިއުޅެމުން ދިޔަ 50،000 މީހުންގެ އާބާދީގެ ތެރެއިން އެ ހާދިސާގައި ވަނީ 25000 މީހުން މަރުވެފައެވެ.

އެ ހާދިސާއަކީ އަދިވެސް އެ އަވަށުގެ ރައްޔިތުންގެ ހިތްތަކުން ފޮހެލަން ދަތި ހަނދާނެއްގެ ގޮތުގައި ހިމެނޭއިރު ހާދިސާގައި މަރުވި 13 އަހަރުގެ އޮމޭރާ ސަންޗޭޒް ހަނދާންތައް ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދެއެވެ. އޮމޭރާ ވަނީ ފަރުބަދަ ގޮވި ހާދިސާގައި އޭނާ ދިރިއުޅުނު ގެ ބިމާއި ހަމަވިއިރު އިމާރާތުގެ ތެރޭގައި ތާށިވެ، ފެނާއި ކިސަޑުތަކުގެ ތެރޭގައި ފިތި 3 ދުވަހު އެ ހާލުގައި އޮވެ މަރުވެފައެވެ. އެ ކުއްޖާ އެ ހާލަތުގައި މަރުވެފައި އޮއްވައި ނަގާފައިވާ ފޮޓޯތައް ވަނީ ދުނިޔެއަށް އާއްމު ވެގެން ގޮސްފައެވެ.

36 އަހަރު ކުރިން ހިނގި މި ހާދިސާ އަކީ 20 ވަނަ ގަރުނުގައި ކޮލަމްބިއާގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ޖިއޮލޮޖިކަލް ސާވިސްއިން ބުނެފައިވާގޮތުގައި ފާއިތުވި 11 އަހަރު އެ ފަރުބަދަ އިން ވަނީ ބަދަލުތަކެއް ރެކޯޑުކުރެވެން ފަށައިފައެވެ.