ގަތަރުގައި އަންނަ އަހަރު ބާއްވަން ތައްޔާރުވަމުންދާ ވޯލްޑް ކަޕުގެ ޔޫރޮޕިއަން ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި 1-0 އިން ސްވިޑެން ބަލިކޮށް ސްޕެއިންވެސް ކޮލިފިކޭޝަން ޔަގީންކޮށްފިއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ސްވިޑެން ޕްލޭ އޮފަށް ކޮލިފައިވެފައިވާ އިރު، ސްޕެއިން ބަލިކޮށް ޔަގީން ޖާގައެއްގައި ވޯލްޑް ކަޕަށް ދެވެން ސްވިޑެންއަށް އޮތެވެ. ސްޕެއިންއަށް މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކުރެވެން އޮތް އިރު، މެޗުގެ ފަހު ކޮޅުގައި އަލްވާރޯ މޮރާޓާ ޖެހި ގޯލާއެކު ސްޕެއިން ވަނީ ތިން ޕޮއިންޓާއެކު ގަތަރު 2022 ޔަގީންކޮށްފައެވެ.

ރޭގެ މެޗުގައި ސްޕެއިނުން ޖެހި ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓުގައި މޮރާޓާ ޖެހީ ރީބައުންސް ބޯޅައެއްގައެވެ. އޭރިއާ ބޭރުން ސްޕެއިންގެ ޑެނީ އޮލްމޯ ގޯލަށް ފޮނުވާލި ބާރު ހަމަލާ ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަން އަތުގައި ޖެހި ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވާ އިރު، އެ ބޯޅައަށް ކުރިއަށް އަރައި މޮރާޓާ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ސްޕެއިނުން ޖެހިޖެހިގެން 12 ވަަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، ގުރޫޕުގައި ކުޅުނު އަށް މެޗުން އެޓީމަށް ވަނީ 19 ޕޮއިންޓް ލިބިފައެވެ. ސްވިޑެންއަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، ސްޕެއިންއަށް 1974 ވަނަ އަހަރަށްފަހު އަދި ވޯލްޑް ކަޕެއް ގެއްލިފައެއް ނުވެއެވެ.