ގަތަރުގައި އަންނަ އަހަރު ބާއްވަން ތައްޔާރުވަމުންދާ ވޯލްޑް ކަޕުގެ ޔޫރޮޕިއަން ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލް ބަލިކޮށް، ސާބިއާއިން ކޮލިފިކޭޝަން ޔަގީންކޮށްފިއެވެ.
ޕޯޗުގަލްގެ ލިސްބަންގައި ރޭ ކުޅުނު ފޯރިގަދަ މެޗު ސާބިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސާބިއާއިން މެޗު ކާމިޔާބުކުރި ގޯލު، މެޗުގެ ފަހު މިނެޓުގައި ޖަހާފައިވާ އިރު، މެޗުގެ ނަތީޖާއާއެކު ޕޯޗުގަލްއަށް ދެން ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ކޮލިފިކޭޝަން ގުރޫޕް އޭގައި ސާބިއާ އަދި ޕޯޗުގަލްވެސް ކުޅުނު ފަހު މެޗަށް ރޭ ނުކުތީ ދެ ޓީމަށްވެސް ޔަގީން ޖާގައެއް އެރެން އޮވެގެންނެވެ. މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ޔަގީން ފުރުސަތުގައި ޕޯޗުގަލްއަށް ވޯލްޑް ކަޕަށް ދެވެން އޮތެވެ. ސާބިއާއަށް އޮތީ ތިން ޕޮއިންޓް ހޯދުމެވެ.
ރޭގެ މޮޅާއެކު ކޮލިފިކޭޝަންގައި ކުޅުނު އަށް މެޗުން ސާބިއާއަށް 20 ޕޮއިންޓް ލިބިފައިވާ އިރު، ޕޯޗުގަލްއަށް ލިބިފައި ވަނީ 17 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވުމާއެކު ޕޯޗުގަލްގެ ގިނަ ދުވަސްވީ ރެކޯޑަކަށްވެސް ވަނީ ނިމުން އައިސްފައެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން ރޭގެ މެޗާ ހަމައަށް އެޓީމުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ބަލިވެފައެއް ނުވެއެވެ.
ރޭ ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ރެނާޓޯ ސަންޗޭޒް ވަނީ ޕޯޗުގަލަށް ލީޑު ނަގައިދީފައެވެ. އެ ލީޑާއެކު ޕޯޗުގަލް ކުރީގައި އޮވެ ހާފު ނިންމާލަން ދިޔަ ނަމަވެސް، ހާފު ނިމުމުގެ ކުރިން ޑޫސާން ޓަޑިޗް ވަނީ ސާބިއާއަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، ޕޯޗުގަލް އިން ދެވަނަ ގޯލަކަށް މަސައްކަތް ކުރަމުން ދަނިކޮށް، އެޓީމު މާޔޫސް ކޮށްލީ މެޗުގެ ފަހު މިނެޓުގައި ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް ޖެހި ގޯލުންނެވެ. އޭރިއާ ތެރޭގައި ހުސްކޮށް ހުރެފައި މިޓްރޮވިޗް ބޮލުން ފޮނުވާލި ބޯޅަ ހުއްޓުވަން ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު