އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނީ ފައިދާގެ ގޮތުގައި އެންމެ މަތިވެގެން 100 ޕަސެންޓުގެ މާކަޕެއް ލައިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މެކްސިމަމް ރިޓެއިލް ޕްރައިޒް ނުވަތަ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް (އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް) ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް އިމްޕޯޓްކޮށް، ވިއްކާ ހުރިހާ ބޭސްތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖެ އިމްޕޯޓްކޮށް، ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ރާއްޖެއަށް އިމްޕޯޓްކޮށް، ވިއްކާ ހުރިހާ ބޭހަކަށް މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެ ކަމަށެވެ. އެކަން ތަންފީޒު ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އަންނަ ޖެނުއަރީ މަސް ފެށުމުގެ ކުރިން އަސާސީ ބޭސްތަކުގެ ލިސްޓަކާއި އެ ބޭސް އެންމެ މަތިން ވިއްކޭނެ އަގު އާންމު ކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައަޅަންވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގެ ބަޔާންކޮށްފައިވާތީއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރެވޭ އެންމެހައި ބޭސް ހިދުމަތް ހޯދާ ފަރާތްތަކަށް ވާސިލުވެވޭ ފަދަ އަގެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިނިސްޓްރީން ކަނޑައަޅަންވާނެ ކަމަށެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.