އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ބިލިއާޑް މުބާރާތަކީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. އެ މުބާރާތް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު ބިލިއާޑް މުބާރާތަށެވެ. އެންމެ ފޯރިގަދަ މުބާރާތަށެވެ.
އެމްޕީބީއޭ އިން އަންނަނީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައި، ޓައިޓަލް ސްޕޮންސަރު ވެސް ވަނީ ހަމަޖައްސައިފައެވެ. ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ލިޓަސްއެވެ.
"ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 8:00ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ނޭޝަނަލް ބިލިއާޑް ސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެމްޕީބީއޭ އިން މައުލޫމާތުދެއެވެ.
އެމްޕީބީއޭ އިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މުބާރާތަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވާން ފަށައިފައެވެ. ތާރީހީ މުބާރާތެއް ކަމުން އެމްޕީބީއޭގެ އަމާޒަކީ އެ މުބާރާތަކީ ކާމިޔާބީ މުބާރާތަކަށް ހެދުމެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން އެމްޕީބީއޭގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަރީފް ހުސައިން ވިދާޅުވެފައިވާ ގޮތުގައި މުބާރާތުގެ ކޮންމެ އިވެންޓެއް ވެސް ވަރަށް ފުރިހަމަވާނެއެވެ. އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެސޯސިއޭޝަނުން ވަރަށް ފޯރީގައި ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުބާރާތުގައި އެތައް ކުޅުންތެރިންނެއް ބައިވެރިވެ، ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ފެންނާނެ ކަމަށް އެމްޕީބީއޭ އިން ދެކެއެވެ. މިހާރު އެ ކުޅުންތެރިން ވެސް އަންނަނީ މުބާރާތަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
"ކުޅުންތެރިން މިހާރު ވަނީ ޕްރެކްޓިސްތައް ފަށާފައި. ފިރިހެން ކުޅުންތެރިންގެ އިތުރުން އަންހެން ކުޅުންތެރިން ވެސް މި މުބާރާތަށް ވަރުގަދައަށް އެބަ ތައްޔާރުވޭ. ކުޅުންތެރިންނަށް ބޭނުންވާ އެއްބާރުލުން އެސޯސިއޭޝަނުން އަބަދުވެސް ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އެސޯސިއޭޝަނުން އެދެނީ ވީހާވެސް ގިނަ ކުޅުންތެރިން މުބާރާތުގައި ބައިވެރިވެ، އެކުވެރި މާހައުލެއްގައި ވާދަވެރިކަން ދެއްކުން،" ޝަރީފް ވިދާޅުވިއެވެ.
ފިރިހެން ފުރަތަމަ ޑިވިޝަން ކުރިއަށްދާނީ 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ.
އެ ޑިވިޝަންގައި ވާދަކުރެވޭނީ ނޭޝަނަލް ރޭންކިންގެ ގަދަ 32 ކުޅުންތެރިންނަށެވެ. ނަމަވެސް އޭގެން ކުޅުންތެރިޔަކު ބައިވެރިނުވާނަމަ، 32 ކުޅުންތެރިން ހަމަވަންދެން ރޭންކިންގެ ތަރުތީބުން ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ.
ފިރިހެން ދެވަނަ ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 11 ފްރޭމްސްއަށެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވާ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދެވަނަ ޑިވިޝަންގައި ބައިވެރިވެވޭނެއެވެ.
މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށްދާނީ 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓު ކުރިއަށްދާނީ އަންހެން ފިރިހެން އެއްކޮށް، 10 ބޯލްސް ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
ޑަބަލްސް އިވެންޓުގައި ބައިވެރިވުމަށް ހާއްސަ އުސޫލެއް ވަނީ އެކުލަވާލައިފައެވެ. ނޭޝަނަލް ފިރިހެން ރޭންކިންގެ ގަދަ 32 ގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ޕެއާއެއް ނުހެދޭނެއެވެ. ނަމަވެސް އެ އިވެންޓުގައި ކޮންމެ ކުޅުންތެރިޔަކަށް ވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓު ކުރިއަށްދާނީ މުބާރާތުގައި ބައިވެރިވާ ހުރިހާ މިކްސް ޑަބަލްސް ޕެއާތައް ހިމެނޭގޮތަށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ފައިނަލް މެޗު ފިޔަވައި، އެ ޑިވިޝަންގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 5 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ.
މުބާރާތުގެ އެންމެ ބޮޑު އިވެންޓަކީ ޓީމު އިވެންޓެވެ. ކްލަބުތަކުގެ މެދުގައި ކުރިއަށްދާ އެ އިވެންޓުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ކްލަބު ޖަމިއްޔާތަކަށެވެ. ކޮންމެ ކްލަބު ޖަމިއްޔާއަކަށް ވެސް ބައިވެރިކުރެވޭނީ އެއް ޓީމެވެ.
އެ އިވެންޓުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުގައި މަދުވެގެން ދިހަ ކުޅުންތެރިން އަދި ގިނަވެގެން 12 ކުޅުންތެރިން ހިމެނޭނެއެވެ. ނަމަވެސް ޓީމުގައި ހިމެނޭނީ ނޭޝަނަލް ބިލިއާޑް ރޭންކިންގެ އެއްވަނައާއި އަށްވަނައާ ދެމެދުގެ ދެ ކުޅުންތެރިއެކެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެއް ކުޅުންތެރިޔަކު ވެސް ހިމެނޭނެއެވެ. ޓީމުތަކުގައި ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮތް އިރު، ވަކި އަދަދަކަށް ފިރިހެން އަދި އަންހެން ކުޅުންތެރިން ހިމެނުން މަޖުބޫރެއް ނޫނެވެ.
ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.
އެ މުބާރާތަށް އެމްޕީބީއޭ އިން ވަނީ ހާއްސަ ގަވާއިދެއް އެކުލަވާލައިފައެވެ. އަދި އެ ގަވާއިދާ ހިލާފުވާ ކުޅުންތެރިން ނުވަތަ ޓީމުތައް ޖޫރިމަނާކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ވަނަވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅައިފައެވެ. އެގޮތުން ކޮންމެ އިވެންޓެއްގެ ޗެމްޕިއަން، ރަނަރަޕް އަދި ތިންވަނައަށް ހޮވޭ ކުޅުންތެރިންނާއި ޓީމުތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމުތައް އެމްޕީބީއޭ އިން މިހާރު ވަނީ އިއުލާންކޮށްފައެވެ.
- ޓީމު އިވެންޓް
- ޗެމްޕިއަން: 30،000 ރުފިޔާ
- ރަނަރަޕް: 15،000 ރުފިޔާ
- ތިންވަނަ: 7،500 ރުފިޔާ
- ފިރިހެން ފުރަތަމަ ޑިވިޝަން
- ޗެމްޕިއަން: 15،000 ރުފިޔާ
- ރަނަރަޕް: 7،500 ރުފިޔާ
- ތިންވަނަ: 5،000 ރުފިޔާ
- ފިރިހެން ދެވަނަ ޑިވިޝަން
- ޗެމްޕިއަން: 10،000 ރުފިޔާ
- ރަނަރަޕް: 5،000 ރުފިޔާ
- ތިންވަނަ: 3،000 ރުފިޔާ
- އަންހެން ޑިވިޝަން
- ޗެމްޕިއަން: 15،000 ރުފިޔާ
- ރަނަރަޕް: 7،500 ރުފިޔާ
- ތިންވަނަ: 5،000 ރުފިޔާ
- ޑަބަލްސް އިވެންޓް
- ޗެމްޕިއަން: 10،000 ރުފިޔާ
- ރަނަރަޕް: 5،000 ރުފިޔާ
- ތިންވަނަ: 3،000 ރުފިޔާ
- މިކްސް ޑަބަލްސް
- ޗެމްޕިއަން: 5،000 ރުފިޔާ
- ރަނަރަޕް: 2،500 ރުފިޔާ
- ތިންވަނަ: 1،000 ރުފިޔާ
އެމްޕީބީއޭ އިން މައުލޫމާތުދޭ ގޮތުގައި އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވުމުން މުބާރާތުގެ ޝެޑިއުލްތައް އިއުލާންކުރާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ކުޅުންތެރިން އަދި ޓީމުތައް މުބާރާތުގައި ބައިވެރިވުމަށް އެމްޕީބީއޭ އިން އެދެއެވެ.
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް
ގައުމީ ބިލިއާޑް މުބާރާތް