ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމަށް ދިމާވި މާޔޫސްކަމަކީ، ކުޅުންތެރިން ފަރުވާ ކުޑަވުމުން ދިމާވި މައްސަލައެއް ކަމަށް ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނެފިއެވެ.
ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވީ 4-4 އިންނެވެ. ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ 64 ވަނަ މިނެޓާ ހަމައަށް 4-0 އިން ރާއްޖެއިން ލީޑުގައި އޮތް ނަމަވެސް، މެޗު އެއްވަރުވީ ފަހު 25 ވަރަކަށް މިނެޓު ތެރޭގައި ލަންކާގެ ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. އެ ނަތީޖާއަކީ ފަހުގެ ތާރީހެއްގައިވެސް ގައުމީ ޓީމަށް ކުރިމަތިވި އެންމެ މާޔޫސީ އެއް ނަތީޖާއެވެ. މިއަދު ބަންގުލަދޭޝްއާ ދެކޮޅަށް ޓީމު ނުކުންނަ އިރު، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ކެޕްޓަން އަކޫ ވަނީ ޕްރި މެޗު ޕްރެސްގައި އިއްޔެ ބުނެފައެވެ.
"ލަންކާ މެޗާ ގުޅިގެން އެއްވެސް ބަހަނާއެއް ދެއްކޭކަށް ނެތް. އެއީ ފަރުވާ ކުޑަކަމުން ވީ ގޮތެއް. އިތުރަށް ދޭތި ތިނެތި ޖަހަންވެސް ލިބުނު މެޗެއް ގެއްލިގެން ދިޔައީ. ވަކި ކުޅުންތެރިއެއް ނޫން، އަޅުގަނޑުވެސް ހިމެނިގެން އޭރު ދަނޑުމަތީގައި ތިބި ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ގެއްލި، ފަރުވާ ކުޑަވެގެން މެޗު ގެއްލުނީ. އެއަށްވުރެ މެންޓާލިޓީ ރަނގަޅު ކޮށް، އެބަޖެހޭ މެޗު ނިމެންދެން ކޮންސަންޓްރޭޝަން ހިފަހައްޓަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެކަން ނުފެންނާނެ،" އަކޫ ބުންޏެވެ.
އަކޫ ބުނީ ލަންކާ މެޗު ހަނދާން ނައްތާލަން ލިބޭނެ ފުރުސަތަކީ މިއަދުގެ މެޗު ކަމަށާއި، ބަހަނާއެއް ދެއްކުމެއް ނެތި ބަންގުލަދޭޝް ބަލިކުރަން ޖެހޭ ކަމަށެވެ.
"ފުރަތަމަ މެޗު މަތިން ހަނދާން ނައްތާލަން ޖެހޭ. މިއީ އާ ފެށުމަކަށް ތައްޔާރުވާން ޖެހޭ ވަގުތު. ކޯޗު ބުނިހެން ޓީމު ދަނީ ބުރަކޮށް މަސައްކަތް ކުރަމުން. އެނގޭ ބަންގުލަދޭޝް އޮތީ ތަފާތުތަކަކާ އެކުގައި ކަންވެސް. އެ ތަފާތުތަކަށްވެސް ތައްޔާރުވެ މޮޅުވާން ޖެހޭނެ. ދަނޑުގެ ހާލަތު ވަރަށް ގޯސް، އެއްވެސް މީހަކު ނުބުނާނެ ދަނޑުގެ ހާލަތު ރަނގަޅު ކަމަކަށް. އެކަމަކުވެސް އެ ދަނޑުގައި ކުޅެން ހޭނެން ޖެހޭނީ،" އަކޫ ބުންޏެވެ.
އަކޫ ބުނީ ލަންކާ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް އެއީ ހަމަ ބައްޔެއްގެ އިހުސާސް ކުރެވުނު ނަތީޖާއެއް ކަމަށާއި، އެ މާޔޫސްކަން ހަނދާނުން ފޮހެލައި، އިންޝާ ﷲ މިއަދު ޓީމު ނުކުންނާނީ އެކަން ހަނދާން ނައްތާލައި 100 ޕަސެންޓް ދީގެ މޮޅުވާން ކަމަށެވެ. އަދި "ފަރުވާ ކުޑަ" ވުމުގެ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް ވިސްނުން ގެންގުޅެން ޓީމު ތައްޔާރު ވާނެ ކަމަށްވެސް އަކޫ ބުންޏެވެ.
ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ލަންކާ ގަޑިން 16:00 އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު