ޚަބަރު

ކޮޕީ ރަޝީދު އަވަހާރަވެއްޖެ

3

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ މއ. ކޮޕީގެ، މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަވަހާރަވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮޕީ ރަޝީދު އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވިއިރު އުމުރަކީ 72 އަހަރެވެ.

ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ހާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އުމުރުން 18 އަހަރުގައި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވި ކޮޕީ ރަޝީދު ވަނީ މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު ޅެން ހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވައިފައެވެ. އަދި ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ރަޝީދަކީ ގައުމީ މުނާސަބަތުތަކަށާއި އެކިއެކި ހާއްސަ ހަފުލާތަކަށާއި މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމުތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރާއްޖޭގައި ނެރުނު ވަރަށް ގިނަ އޯޑިއޯ އަލްބަމުތަކަށްވެސް ރަޝީދު ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ.

ދިވެހި ކުރު ވާހަކަ އާއި ދިގު ވާހަކަ ލިޔުމުގެ ރޮނގުގައިވެސް މުހައްމަދު ރަޝީދަކީ ވަރަށް މަޝްހޫރު ބޭފުޅެކެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ "ނުބީހެންޏާ ކަނޑާހަމަ" އެވެ.

ރަޝީދު ވަނީ 32 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ. އެގޮތުން ބ. އަތޮޅު އަތޮޅުވެރިކަމާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ކަމާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.