ޚަބަރު

ނަފްސާނީ ބަލިތަކަށް ހާއްސަ ސެންޓަރުތަކެއް އަތޮޅުތެރޭގައި ގާއިމުކުރަނީ

ނަފުސާނީ ބަލިތަކަށް ހާއްސަ ޔުނިޓުތައް އަންނަ އަހަރު އަތޮޅުތެރޭގައި ގާއިމު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗުގައި ގާއިމުކޮށް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް އައިޖީއެމްއެޗްގައި ހުޅުވި ސެންޓަރުން ޑިމާންޑާ ގާތަށްވެސް ފަރުވާ ދެވެމުންނުދާ ކަމުގެ ޝަކުވާ އަބަދުވެސް ދަނީ ބޮޑުވަމުންނެވެ. އަދި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އާންމުން އަންނަނީ އެދެމުންނެވެ.

ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އަންނަ އަހަރު އިޖުތިމާއީ ދާއިރާއަށް ހާއްސަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ބަޖެޓު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނަފުސާނީ ބަލިތަކާ މެދު ނަފުސުތައް ހޭލެވެން ފެށިއިރު އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތި ކަމަކަށް. އައިޖީއެމްއެޗުން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ހިދުމަތް ވެސް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރެވެމުން. މާލޭގެ އިތުރުން އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލުތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްގީ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާ އާއި އަނިޔާގެ މައްސަލަތައް ވަޅުލެވި ހިނދިގެން ދާދިއުމަށް މިހާރު ނިމުން އަންނަން ފަށާފައިވާ ކަމަށެވެ. ހޭލުންތެރިކަން އިތުރުވެ މައްސަލަތައް ފެންމަތިކޮށް، ރިޕޯޓުކުރުމުގެ ހިތްވަރާއި އާދަ އަށަގަންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ވަރަށް ބޮޑަށް އަވަސްކުރަން ޖެހޭ ކަމަށާއި އަންނަ އަހަރު ސަރުކާރުން އިސްކަންދޭނެ އަނެއް ކަމަކީ އެއީ ކަމަށެވެ. އަދި ހިދުމަތްތައް އެކުވެނި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އަންނަ އަހަރު މަސައްކަތް ފެށޭނެ ކަމަށާއި ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށް ބޮޑު އިސްކަމެއްދީގެން ބަޖެޓުކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.