ދިވެއްސަކު ބަރަހަނާކޮށް ވީޑިއޯކުރުމަށް ފަހު އޭނާ އަތުން ފައިސާ ހޯދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި 27 އަހަރުގެ ދިވެހި ފިރިހެނަކަށް ބިރުދައްކައި، ބަރަހަނާކޮށް، ވީޑިއޯ ކުރުމަށްފަހު ބްލެކްމެއިލްކޮށްގެން ފައިސާ ހޯދަން އުޅުނު މައްސަލައެއް ރޭ ދަންވަރު 3:49 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.