ޓިވެޓް އިންސްޓިއުޝަން (ޓިވެޓް) ޕްރޮގްރާމްތައް ހިންގުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި މިހާރު ހިމަނާފައިވާ 19.5 މިލިއަން ރުފިޔާ، 23 މިލިއަނަށް އިތުރުކުރަން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވައިފިއެވެ.

ބޮންޑޭ މިގޮތަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ބޮންޑޭ ވިދާޅުވީ، ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ޓިވެޓް އިންސްޓިޓިއުޓް ޕްރޮގްރާމްތައް އެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ބަޖެޓުގައި 19.5 މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.

އެއީ އެކި ރަށްރަށުގައި ވޮކޭޝަބަލް ކޯސްތައް ހިންގުމަށް ހިމަނާފައިވާ ފައިސާ ކަމަށާއި އެ އަދަު 23 މިލިޔަނަށް އިތުރު ކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެކި މަސައްކަތްތައް ދަސްކޮށްދޭ ވޮކޭޝަނަލް ކޯސް ތަކަކީ ވަރަށް މުހިއްމު ކޯސްތަކެއް ކަމަށެވެ. އަދި އެއީ ކުރެވޭ އިންވެސްޓްމެންޓެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކިޔަވާހިއްނުވާ ކުދިން، މަގުމަތި ވުމުގެ ބަދަލުގައި މަސައްކަތެއް ދަސްކޮށްގެން އެކުދިންނަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެ ފުރުސަތި ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބަޖެޓްގެ ހަރަދުތައް ކުޑަ ކުރަންޖެހޭ ކަމަށް ވިދާޅުވެ ބަޖެޓްގައި ހިމެނޭ ބައެެއް ޕްރޮޖެކްޓު ތަކުން ފައިސާ އުނިކުރަން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.