ދ. ބަނޑިދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ހަމަލާދީފައިވަނީ އެރަށުގެ ކުޑަ މިސްކިތުގައި މުދިމަށެވެ. އުމުރުން 75 އަހަރުގެ އެމީހާއަށް ބަނޑިދޫ ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، މިއަދު މެންދުރު 12:34 ގައި ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެމީހާގެ ކާފަ ދަރިއަކު "ވަން" އަށް މައުލޫމާތު ދެމުން ބުނީ، ކާފަައަށް އަނިޔާކޮށްފައިވަނީ އެރަށު ބޮޑު މިސްކިތުގެ މުދިމާ ދެމެދު ހިނގި ޒުވާބެއް ހޫނު ވެގެން ކަމަށެވެ. އަދި ކާފައަށް އަނިޔާކުރީ ބޮޑު މިސްކިތު މުދިމާއި އެރަށުގެ އެހެން މީހެއް ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެރަށު ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ އަހުމަދު ނަސީމު ވިދާޅުވީ، ޒަހަމްކޮށްލާފައިވާ އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ސިއްހީ މަރުކަޒަށް ގެނައީ، މިއަދު މެންދުރު 12:47 ގައި ކަމަށެވެ.

ނަސީމު ވިދާޅުވީ، އެމީހާގެ އަނގަމަތިން އޭރުވެސް ގިނަ އަދަދެއްގެ ލޭ އައިސްފައިވާ ކަމަށާއި އެމީހާގެ ހާލަތު ސްޓޭބަލް ނުވާތީ، އޮބްޒަވޭޝަނަށް އެނދުމަތިކޮށްފައިވާ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.