މިވަގުތު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ މިވަގުތު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދަށް ބަލާއިރު އެމީހުންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާއިފިނަމަ ވިޔަފާރިތަކަށާއި އިގުތިސޯދަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

މިވަގުތު މަސައްކަތް ކުރަނީ ދިވެހިންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށާއި ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މަސައްކަތްތެރިންނަށްވެސް ހެޔޮ ގޮތް ވުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން މި ބަލަނީ ދިވެހިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން. ބިދޭސީންނަށް ހެޔޮގޮތް ވުމަށްވެސް އެދެން. އެކަމަކު މިވަގުތު ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ އިގުތިސާދު ފުނޑޭނެ. ވިޔަފާރިތަކަށްވެސް ބޮޑު ގެއްލުމެއް ލިބޭނެ. ރާއްޖޭގައި އެންމެ ގިނައިން ދިރިއުޅެނީ ބަންގްލަދޭޝްގެ މީހުން. ބަންގްލަދޭޝްގައި މިނިމަމް ވޭޖެއްގެ ގޮތުގައި 90 ޑޮލަރު މަސައްކަތްތެރިންނަށް ދެމުން އަންނަނީ. އެކަމަކު ރާއްޖެއަށް އާންމުކޮށް ބަންގްލަދޭޝް މީހުން އައިސް މަސައްކަތް މި ކުރަނީ 180 ޑޮލަރު، 200، 250 ޑޮލަރު އެހާކަން ހާ ވަރަށް. އެއީ އެ މިނިމަމް ވޭޖަށް ވުރެ މާ ބޮޑު ވޭޖެއް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާނަމަވެސް ބިދޭސީންނަށް މިނިމަމް ވޭޖެއް ދިނުމުގެ ފެންވަރު ރާއްޖޭގެ އިގްތިސޯދުގައި ނެތް ކަމަށެވެ.