ބޮޑެތި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭން މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރު ކުޑަކުރުމަށްފަހު، ރާއްޖޭގެ ފުރަތަމަ މިނިމަމް ވޭޖު މިއަދު ކަނޑައަޅައި އިއުލާނު ކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިނިމަމް ވޭޖް ގަރާރުގައި ސޮއިކުރައްވައިފައެވެ.
މިނިމަމް ވޭޖް ކަނޑައަޅައި އިއުލާންކުރީ، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދިން ގޮތަށް ހަތަރު ކެޓަގަރީއަކަށެވެ. އެއީ ސިވިލް ސާވިސް، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް އަދި ބޮޑެތި ވިޔަފާރިތަކެވެ.
އެގޮތުން ޕްރައިވެޓް ސެކްޓާގެ ބޮޑެތި ވިޔަފާރިތަކަށް ދޭން ވޭޖް ބޯޑުން ލަފާ އަރުވާފައި ވަނީ، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 8,900 ރުފިޔާއެވެ.
ނަމަވެސް މިނިސްޓަރު މިއަދު އިއުލާން ކުރެއްވި ވޭޖުގައި އެ އަދަދު ދަށްކޮށް، އިއުލާންކުރީ ގަޑިއިރަކަށް 38.46 ރުފިޔާގެ މަގުން މަހަކަށް 8،000 ރުފިޔާއެވެ. އެއީ 900 ރުފިޔާގެ ދަށްވުމެކެވެ.
މިނިސްޓަރު ވަނީ ކުދި ފަންތީގެ ވިޔަފާރިތަކަށް ލަފާދިން އަދަދުވެސް ދަށްކޮށްފައެވެ. އެގޮތުން ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 5,000 ރުފިޔާ ދިނުމަށް ލަފާ ދިން ނަމަވެސް ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 21.63 ރުފިޔާގެ މަގުން މަހަކަށް 4،500 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު