ލައިފް ސްޓައިލް

އަންހެނުން ހީކުރާވަރަށްވުރެ ފިރިހެނުންގެ ހިތް ނާޒުކު، ގުޅުމެއް ކެނޑުމުން ފިރިހެނުން މާގިނަ ދުވަހު ހިތާމަކުރޭ: ދިރާސާ

ލޯބިން އުޅުނު ދެހިތެއް ސަފުން ވަކިވެ ދިޔައީއެވެ. ކުރި އަސަރުން އަރައިގަންނަން ހިތަށް ފަރުވާ ހޯދަން ފަށައިފިއެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ މި ވޭނީ އާހުން އަރައިގަތުމަށް އަންހެނުންނަށްވުރެ ފިރިހެނުން ގިނަ ދުވަހު ހިތާމައިގައި އުޅޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ ހެދުނު ދިރާސާއަކުން ދެއްކި ނަތީޖާއެކެވެ.

ލެންކެސްޓާ ޔުނިވާސިޓީގެ ތަޖުރިބާކާރު ރިސާޗަރުންގެ އިސްނެގުމަކާއެކު އެކުލަވައިލި ބައިނަލްއަގުވާމީ ސައިކޮލޮޖިސްޓުންގެ ޓީމަކުން ހެދި ދި މި ދިރާސާގެ ނަތީޖާ ވަނީ ޖާނަލް އޮފް ސޯޝަލް އެންޑް ޕާސަނަލް ރިލޭޝަންޝިޕްސް ޖާނަލްގައި ޝާއިއުކޮށްފައެވެ. އެ ޓީމުން ވަނީ މިހާތަނަށް ގުޅުން ތަކުގެ މަސްލަހަތު ދެނެގަތުމަށް ހެދުނު އެންމެ ބޮޑު ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައެވެ. މި ދިރާސާގެ ބޭނުމަކަށް ވީ ގުޅުންތައް ކެނޑުމުގައި ނުކުންނަ މައްސަލަތައް ދެނެގަތުމާއި އެއިން އެންމެ ބޮޑަށް އަސަރުކުރަނީ ކޮން ބަޔަކަށްތޯ ބެލުމެވެ.

''މީގެ ކުރިން މިހާތަނަށް އަހަރެމެންނަށް ޑާޓާ ހޯދިފައިވަނީ މައްސަލަތައް ހައްލުކުރުމަށް އިސްނަގައި ކައުންސިލިންނާއި ތެރަޕީ ނަގަން އަންނަ މީހުން އާއްމުކުރާ މައުލޫމާތުގެ އަލީގައި.'' ދިރާސާގެ އިސް އޮފިޝަލެއް ކަމުގައިވާ ޗާލޮޓް ވިދާޅުވެފައިވެއެވެ.

ނަމަވެސް މިދިރާސާ ހެދުމަށް ލޯބިވެރިންގެ މެދުގައި ޖެހޭ މައްސަލަތައް އޮންލައިން ފޯރަމަކަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވުނެވެ. އެ ފޯރަމުގައި މައުލޫމާތު ހިއްސާކުރި 18،4000 މީހުންގެ ތަފާސްހިސާބުތައް ދިރާސާކޮށް ފާހަގަކުރެވުނު ކަންކަން ވަނީ ހިއްސާކޮށްފައެވެ. މި ޑާޓާތަކުގެ އަލީގައި، އެންމެ އާއްމުކޮށް ޖެހޭ އެންމެ ބޮޑު މައްސަލައަކީ އެކަކު އަނެކަކާ މުއާމަލާތްކުރުމުގައި ނުކުންނަ މައްސަލަތައް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ފަސް މީހަކުން އެކަކު ވަނީ ކަންކަމުގައި މަޝްވަރާކުރުމުގައި މައްސަލަތައް ނުކުންނަކަމަށް ބުނެފައެވެ. އަދި ކޮންމެ އަށް މީހަކުން އެކަކު ވަނީ އެކަކު އަނެކަކަށް އިތުބާރު ނުކުރެވޭ މައްސަލަތައް ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ބައިވެރިން ދެން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޖެހޭ މައްސަލަތަކަށް ވުރެ ބޮޑަށް މައްސަލަ ޖެހުމުގެ ސަބަބުން ހިތަށް ލިބޭ އަނިޔާގެ ވާހަކަތަކެވެ. ހިތް ހަލާކުވެފައިވާ ބައެއް މީހުން އާއްމުކުރި މައުލޫމާތުގެ އަލީގައި، ގުޅުމެއް ކެނޑުމުން އެކަމުން އަރައިގަންނަން އުނދަގޫވާކަމާއި އެކަމާ ދޭތެރޭ ހިތާމަކުރާކަން އަންހެނުންނަށްވުރެ ގިނައިން ފިރިހެނުން ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

''ހިތްހަލާކުވެފައިވާކަމަށް ބުނެ އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން ވޭނީ އުދާސްތައް ހިއްސާކޮށްފަ. އެކަމުން އެނގިގެންދަނީ ފިރިހެނުންގެ ހިތަކީވެސް ގިނަ އަންހެނުން ހީކުރާ ގޮތާ ހިލާފަށް ނާޒުކު އެއްޗެއްކަން، އަދި އެ ހިތަށް ފަރުވާ ހޯދުމަށް ގިނަ ދުވަސް ނަގާކަން.'' ޗާލޮޓް ފާހަގަކުރިއެވެ.

ދިރާސާގެ ތެރެއިން ދެން ފާހަގަކުރެވުނު ކަމަކީ އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުން މިކަމުން އަރައިގަތުމަށް އޮންލައިން ކޮށް އެހީ ހޯދުމަށް ޝައުގުވެރިވާ ކަމެވެ. ދިރާސާގެ އިސް އޮފިޝަލެއް ކަމުގައިވާ ޑރ. ރަޔަން ބޮއިޑް ފާހަގަކުރިގޮތުގައި އާއްމުކޮށް ކަން ހިނގާ އުސޫލަކީ ދެމީހެއްގެ ދޭތެރޭ ޖެހޭ މައްސަލަތައް ހައްލުކުރުމަށް އަންހެން މީހާ އިސްނެގުން ކަމަށާއި ކައުންސިލިންނާއި ތެރަޕީ ނެގުމަށް އަންހެން މީހާ ބޮޑަށް ބާރު އަޅައި މަސައްކަތް ކުރުމެވެ. ''ނަމަވެސް ކަންކަން ހައްލުކުރުމަށް ފިރިހެނުން އިސްނެގުމާ މެދު މުޖުތަމައުން ދެކޭ ދެކުންތައް ބަދަލުވެއްޖެނަމަ އެކަމުގައި ފިރިހެނުންވެސް ވަކިން ފަހަތަށް ނުޖެހޭނެ ކަން އަހަރެމެންނަށް މިދިރާސާއިން އެނގި ހާމަވޭ.'' އޭނާ ފާހަގަކުރިއެވެ.

ޖެހޭ މައްސަލަތަކާއި އިހުސާސުތައް ހިއްސާކުރުމަށް އޮންލައިންކޮށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ދެމީހެއްގެ ދޭތެރޭ އާއްމުކޮށް ޖެހޭ މައްސަލަތަކާއި އިހުސާސުތައް ދެނެގަންނަން ފަސޭހަވެގެންދިޔަ ކަމުގައި މިދިރާސާ ކުރިއަށް ގެންދިޔަ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ސަބަބުން މީހުންގެ މިޒާޖު ދެނެގަނެވި މުޖުތަމައުގައި ނުކުންނަ މައްސަލަތަކާއި ނަފުސާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައިވެސް އެ ޓީމުން އުއްމީދު ކުރެއެވެ.