މެންޗެސްޓާ ޔުނައިޓެޑުން ރޭ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީގައި ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުގެ ފަރާތުން ދަށް ކުޅުމެއް ކުޅެފައިވާ އިރު، ރޭގެ ބައްޔާއެކު އަނެއްކާވެސް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާއަށް ވަނީ ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.
މިދިޔަ މަހުގެ ފަހު ކޮޅުގައި ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ، ޔުނައިޓެޑު 5-1 ބަލިވުމުން ސޮލްޝެއާ މަގާމުން ވަކިކުރަން ޔުނައިޓެޑު ބޯޑުން މަޝްވަރާ ކުރިއެވެ. މަޝްވަރާ ކުރި ނަމަވެސް، އެފަހަރު ބޯޑުން ނިންމީ އަލުން ފުރުސަތެއް ދިނުމަށެވެ. މިދިޔަ ދެ މެޗަށް ބަލައި ސޮލްޝެއާ އަދި މަގާމުގައި ދެމި ހުރި ނަމަވެސް އިއްޔެގެ މެޗުން ބަލިވެ، އަނެއްކާވެސް ވަނީ ސޮލްޝެއާގެ ކުރިމަގަށް ހުރަސްތަކެއް އެޅިފައެވެ.
މެޗަށްފަހު އެންމެންވެސް ބުނަމުން ދަނީ "އޮލޭ އައުޓް"ގެ ވާހަކައެވެ. ޔުނައިޓެޑުން ކޯޗު ބަދަލުކުރަންޖެހޭ ކަމުގެ ވާހަކައެވެ. ހާއްސަކޮށް ރޭގެ މެޗުގައި ފެނުނު މަންޒަރު ކުލަބު ލެޖެންޑުންނަށްވެސް ހަޖަމެއްނުވިއެވެ.
ސިޓީ އޭރިއާ ތެރޭގައި ޔުނައިޓެޑް ކުޅުންތެރިންނަށް ބޯޅައިގައި ޖެއްސުނީ އެންމެ ހަތަރު ޓަޗެވެ. ސިޓީ ގޯލަށް ޔުނައިޓެޑަށް އުފެއްދުނީ އެންމެ ހަމަލާއެކެވެ. ސިޓީން 67 ޕަސެންޓް ވަގުތުގައި ބޯޅަ ގެންގުޅެގެން 16 ހަމަލާ ޔުނައިޓެޑް ގޯލަށް އުފެއްދީ މުޅި މެޗު ކޮންޓްރޯލް ކޮށްގެންނެވެ. ސިޓީން މެޗުގައި 762 ޕާސް ޖެހި އިރު، ޔުނައިޓެޑަށް ޖެހުނީ އެންމެ 326 ޕާހެވެ. ދަށް ނަތީޖާއެކެވެ. ދަށް ކުޅުމެކެވެ.
"ދެޓީމުގެ ފަރަގު ވަރަށް ބޮޑު. ޔުނައިޓެޑަކީ ސިޓީގެ ލެވެލްއެއް ނޫން. ކޮލިޓީއާއި ގޮތް ނިންމުމަށް ބެލިޔަސް ހާސް ބައި ފަހަތުގައި ޔުނައިޓެޑް އޮތީ. ޔުނައިޓެޑުގެ ކުޅުން ގަބޫލުކުރަން ދަތިވާ ވަރަށް ދަށް. ޔުނައިޓެޑް ދަނޑަކީ ޓީމުތަކަށް އުނދަގޫ ދަނޑަކަށް ނުވޭ. ހުރިހާ ޓީމެއް ކައިރީ އަހާލިޔަސް އެކަން އެނގޭނެ. އެވަޓަން، އެސްޓަން ވިލާ ނޫނީ ލިވަޕޫލް ކައިރީ އަހާލިޔަސް ބުނާނެ ޔުނައިޓެޑް ދަނޑަކީ އުނދަގޫ ދަނޑެއް ނޫނޭ ތިން ޕޮއިންޓް ހޯދަން،" ކުރިން ޔުނައިޓެޑްގެ ކެޕްޓަންކަން ކުރި ރޯއީ ކީން ބުންޏެވެ.
މެޗުގައި ޔުނައިޓެޑުން ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި ކީން ބުނީ މީގެ ކުރިން ސޮލްޝެއާ ދިފާއުކުރި ނަމަވެސް މިހާރު އެކަން ކުރެވެން ނެތް ކަމަށެވެ.
"އޮލޭ ޒިންމާ ނަގަން ޖެހޭނެ. އޮލޭގެ ދިފާއުގައި މީގެ ކުރިން އަހަރެން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ޒިންމާއެއް އެއީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނެރުމަކީ. ބައެއް ކުޅުންތެރިންގެ ފަރާތުން ފާހަގަވޭ ފަރުވާކުޑަކަމާއި ފެންވަރު ދަށްކަން. ފެންނަ ފެނުމަށް ބައެއް ކުޅުންތެރިން ޔުނައިޓެޑް ޖާޒީގައި ކުޅޭ ފެންވަރެއްވެސް ނޫން،" ކީން ބުންޏެވެ.
ޔުނައިޓެޑުން ސޮލްޝެއާގެ ކުރިމަގަށް އަނެއްކާވެސް ނިންމުމެއް ނިންމަން ޖެހިފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން ކޯޗު ބަދަލުކުރަން ބޯޑުން މިއަދު މަޝްވަރާ ކޮށްފާނެއެވެ. ހާއްސަކޮށް ރޭގެ މެޗުގައި ފެނުނީ ދަށް ކުޅުމަށް ބަލައި، ގޮތެއް ނިންމަން ޔުނައިޓެޑުން ވިސްނާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު