ޚަބަރު

އެވިޑް ކޮލެޖުގެ މިއަހަރުގެ ކޮންވޮކޭޝަން ޑިސެމްބަރު 26ގައި

އައިޝަތު ނިއުޝާ

އެވިޑް ކޮލެޖުގެ މިއަހަރުގެ ކޮންވޮކޭޝަން އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.

ރާއްޖެގައި ކޮވިޑް-19ގެ ހާލަތުގެ ގޯސްވެ، މިދިޔަ އަހަރު އެކިއެކި މުއައްސަސާތަކުން ހިންގުމަށް ކަނޑައަޅާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވި ފަސްކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ކަމަކީ އެވިޑް ކޮލެޖުން ކޮންމެ އަހަރު ކުލަގަދަ ގޮތެއްގައި ބާއްވަމުން އަންނަ އެ ކޮލެޖުގެ ކޮންވޮކޭޝަން ރަސްމިއްޔާތެވެ.

އެވިޑް ކޮލެޖުން ބުނީ، 2020 އަދި 2021 ވަނަ އަހަރު ހިމެނޭ ގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ ދެބަޔަކަށް ބަހާލައިގެން، އެ ދުވަހުގެ ހެނދުނާއި ރޭގަނޑުގައި ކަމަށާއި ދެ އަހަރު ތެރޭގައި އެކިއެކި ދާއިރާތަކުގެ ތަފާތު ކޯސްތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ގްރެޖުއޭޓްވާނެ ކަމަށްވެސް ބުންޏެވެ.

އެ ކޮލެޖުން ބުނީ، ގްރެޖުއޭޓްވާ ދަރިވަރުންގެ ތެރެއިން ކޮންވޮކޭޝަން ރަސްމިއްޔާތުގައި ބައިވެރިވަނީ ކިތަށް ކުދިންކަން އެނގޭނީ ކޮންވޮކޭޝަނުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމުން މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށެވެ.

އެވިޑް ކޮލެޖުގެ މިއަހަރުގެ ކޮންވޮކޭޝަން ރަސްމިއްޔާތާ ގުޅޭ މައުލޫމާތު ހޯދުމަށް 7269094 ނަންބަރަށް ގުޅުމަށް އެ ކޮލެޖުން އިލްތިމާސްކުރެއެވެ.