ފާމަސީތަކުން އަސާސީ ބޭސް ނުލިބޭނަމަ، ބޭހާ ބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެ ފާމަސީތަކަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެސެންޝިއަލް މެޑިސިން ފޯ ފާމަސީ ނުވަތަ ފާމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއެކު ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ އާންމުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ އެމްއެފްޑީއޭއިން ވަނީ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާމަސީތަކަށް އިލްތިމާސް ކޮށްފައެވެ.

އެމްއެފްޑީއޭއިން ވަނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާމަސީތަކުގައި [ލިސްޓްގައި](https://storage.googleapis.com/gazette.gov.mv/docs/iulaan/61873.pdf) ހިމެނޭ ބޭސްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގައިފައެވެ. އަދި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން (ޕީއޯއެމް) އާއި އޯވާ ދި ކައުންޓާ މެޑިސިން (އޯޓީސީ) ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި އެ އޮތޯރިޓީން ބުންޏެވެ.

އަސާސީ ބޭސް ފާމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއް މަހު ފާމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯޓް އެ އޮތޯރިޓީއަށް ލިޔުމުން ހުށަހަޅަން އެމްއެފްޑީއޭއިން ވަނީ އަންގައިފައެވެ.

އެމްއެފްޑީއޭއިން އެކުލަވާލާފައިވާ އަސާސީ ބޭހުގެ ލިސްޓްގައި 258 ބޭހެއް ހިމެނެއެވެ. މި ލިސްޓް އަޕްޑޭޓްކޮށް، ޕަބްލިޝްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އަސާސީ ބޭހުގެ ލިސްޓަކީ ސިއްހީ ދާއިރާ ތަޖުރިބާކާރުންގެ ފަންނީ ލަފަ އާއި އިރުޝާދާއެކު ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ އެސެންޝިއަލް މެޑިސިން ލިސްޓް ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް، ކޮންމެ ދެ އަހަރުން އެއް އަހަރު އަޕްޑޭޓްކޮށް، ޕަބްލިޝް ކުރާ ލިސްޓެކެވެ.