މިހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 423 މިލިއަން ރުފިޔާއެވެ. އަދި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 485 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 36.7 މިލިއަން ރުފިޔާ އަދި ދެވަނަ ކުއާޓަރުގައި 42.6 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓަރުގައި 56.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެހެންވެ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ ދަށްވެފައެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިހަ މަޝްރޫއެއް ނިންމައި، ދިހަ މަޝްރޫއެއްގެ މަސައްކަތް ފަށައިފައެވެ.

އެމްޓީސީސީން ލަފާކުރަނީ މިއަހަރު ނިމޭއިރު 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.

މިދިޔަ 40 އަހަރުގެ ތެރޭގައި އެމްޓީސީސީއަށް މާލީ ގޮތުން ރެކޯޑު އަދަދަކަށް ފައިދާ ވެފައިވަނީ މިދިޔަ އަހަރެވެ. އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.