ރާއްޖޭގައި މިހާރު ހުރި ވަސީލަތްތަކާއެކު، 2030 އަންނަންވާއިރަށް ރާއްޖެއިން ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު 26 ޕަސަންޓް މަދުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 26)ގެ ހަވާސާގައި ބޭއްވި އިންޓަނޭޝަނަލް ރިނިއުބަލް އެނަޖީ އޭޖެންސީ (އައިރީނާ)ގެ އެނަޖީ ޓްރާންސިޝަން އެކްސެލެރޭޓަރު ފައިނޭންސިން ޕްލެޓްފޯމް (އީޓީއޭއެފް) އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުން ކަމަށެވެ.

ރައީސް ވިދާޅުވީ، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އަމާޒަކީ، ނެޓް ޒީރޯ ގައުމަކަށް ހެދުން ކަމަށާއި ނަމަވެސް އެކަމަށް ފައިސާ ބޭނުންވާ ކަމަށެެވެ. އަދި މިހާރު ހުރި ވަސީލަތްތަކާއެކު 2030 އަންނަންވާއިރަށް ރާއްޖެއިން ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު 26 ޕަސަންޓު މަދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓްޒީރޯ ހާސިލުކުރުމަށް ވައުދުވެފައެވެ. އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން، އައިރީނާ/އޭޑީއެފްޑީ ޕްރޮޖެކްޓް ފެސިލިޓީ އުފެއްދީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ހޯދުމުގައި އެހީތެރިވުމަށެވެ. ރާއްޖެއަކީ މި ޕްރޮޖެކްޓް ފެސިލިޓީގެ މަންފާ ލިބޭ ފުރަތަމަ ގައުމެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ބުރުގައި، 0.5 މެގަވޮޓްގެ ކުނިން ހަކަތަ އުފައްދާ ކުޑަ ޕްރޮޖެކްޓެއް ފަށާނެއެވެ. ރާއްޖެއިން އެދުނު ދެވަނަ ޕްރޮޖެކްޓް ހިމެނިފައިވަނީ ޕްރޮޖެކްޓުގެ ހަތް ވަނަ ބުރުގައެވެ. އައްޑޫ ސިޓީގައި ކުރިޔަށްގެންދިއުމަށް ހަމަޖައްސާފައިވާ ކުނިން ހަކަތަ އުފައްދާ މި ޕްރޮޖްކެޓުގައި، 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ބެލެވޭ އިރު، މި ޕްރޮޖެކްޓުގެ މަންފާ 35،000 މީހުންގެ އާބާދީއަކަށް ލިބިގެންދާނެއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކަށް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ހޮވައިލެވޭ ގައުމުތަކަކަށް، މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭނުންވާ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް އީޓީއޭއެފުން އެހީތެރިވެދޭނެއެވެ.