އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުންނާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އިންޑިއާގެ އުނގަށް ވެއްޓިފައިވާތީ ގައުމު އަނބުރާ ހޯދަން ރައްޔިތުން ނުކުންނަން ވެއްޖެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރައި ގައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫން ނަމަވެސް މިއަދު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ހަރުމުދާ ވިއްކައި އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް އިންތިޒާމު ހަމަޖައްސަމުން ގެންދާ ގެންދިއުމުގެ ސަބަބުން މިނިވަންކަމާއި އިސްތިގުލާލު ހިތަށް ގެންނަން ނޭނގެ ފަދަ ގެއްލުންތަކެއް ވަމުންދާ ކަމަށްވެސް ބުންޏެވެ.
އެ ކޯލިޝަނުން ބުނީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ސްޓޭޝަންކޮށް ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ގައުމު އިންޑިއާގެ އުގަށް ވެއްޓި ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓައި އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށް ދިނުމަށްޓަކައި ނޮވެމްބަރު 3، 1988ގައި ގުރުބާންވި ޝަހީދު ހުސެއިން އާދަމް ފަދަ ލޭ ހިނގާ ދަރިން ގައުމަށް ބޭނުންވާ ކަމަށް ބުންޏެވެ.
މިހާރުން މިހާރަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކަން އަޅަންޖެހޭ ފިޔަވަޅު ނާޅައިފިނަމަ، މި ގައުމު ދިވެހިންގެ އަތުން ބީވެގެން ދިޔުމުގެ ބިރު އޮތުމުން، އަލުން ގައުމު ހޯދަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު