ފަނޑިޔާރަކު ޗުއްޓީގައި ހުންނަވަނިކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތަކާމެދު ހައިކޯޓުން އިއްޔެ ކަނޑައެޅި އުސޫލު މިއަދު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ހައި ކޯޓުން އިއްޔެ ބުނެފައިވަނީ، އިސްތިއުނާފު ބަލައިގަނެފައިވާ މަދަނީ މައްސަލައެއްގެ ތެރެއިން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައިވާ ހާލަތުގައި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެފަދަ މައްސަލަތަކުގެ ހުކުމް ތަންފީޒު ކުރަން ފަސްކުރުމާމެދު ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން، އިސްތިއުނާފުކޮށްފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރަން ޖެހޭނެ ކަމަށެވެ.
މިއަދު ސުޕްރީމް އާންމުކުރި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނީ މަދަނީ މައްސަލަތަކުގައި ފައިސާ ދައްކަން ކުރާ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން އެންގިޔަސް، އެ ފައިސާ ކޯޓަށް ދައްކަމުން ދިއުމަށް އެންގުމުގެ ބާރު އިސްތިއުނާފު ކޯޓަށް އޮންނާނެ ކަމަށެވެ. އެކަމަކު އެގޮތަށް އަމުރުކުރާ ނަމަ، އިސްތިއުނާފު ކުރި މައްސަލަ ނިމެންދެން އެ ފައިސާ ކޯޓުން ދޫނުކޮށް، ހިފަހައްޓަން އަންގަން ޖެހޭނެ ކަމަށެވެ.
ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުން ހުކުމެއް ތަންފީޒު ކުރަން އެންގޭނީ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ހުކުމާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކޯޓުން ގަބޫލުކުރާ ސެކިއުރިޓީއެއް ހުށަހެޅުމުން ކަމަށެވެ.
"މި ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެމަތިން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް، އަޑުއެހުމެއް ބޭއްވުމަށް ފަހު ނުވަތަ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ނެރެވިދާނެ. އަދި މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމެއް ނެތި، މައްސަލައިގެ ޒާތަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ވަށައިގެންވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު، ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމުގެ އިހުތިޔާރު އިސްތިއުނާފު ކޯޓުތަކަށް ލިބިގެންވޭ،" ސުޕްރީމް އާންމުކުރި ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވެއެވެ.
ހައި ކޯޓުން އެގޮތަށް އިއްޔެ ނިންމީ އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުގެ 2021 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ އުސޫލު ފާސްކުރުމަށް ފެންނަ ކަމަށް ހަތް ފަނޑިޔާރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ފަނޑިޔާރެކެވެ.
ފެންނަ ކަމަށް ވޯޓުދިން ފަނޑިޔާރުންނަކީ، އިސްފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު އަލީ ސަމީރެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ ފަނޑިޔާރު ހުސެއިން މަޒީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު