ގއ. މާމެންދޫގައި މިދިޔަ ފެބްރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި އެރަށު އަހުމަދު އުދައްޔު (17އ) މަރައިލި މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖަކު ގޭ ބަންދަށް ބަދަލުކުރަން މިއަދު ޖުވެނައިލް ކޯޓުން އަމުރުކޮށްފިއެވެ.
ޖުވެނައިލް ކޯޓުން އެގޮތަށް އަމުރު ކުރީ، ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ރިޕޯޓެއް ނެރެފައިވާތީއެވެ.
ދައުލަތުން އެ ކުއްޖާއަށް ކުރާ ދައުވާއަކީ ގަސްދުގައި މީހަކު މެރުމުގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެވެ.
މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، މަރުގެ ދައުވާ ލިބޭ އެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން އަމުރު ކުރީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތް ކަމަށް އެޗްއާރުސީއެމުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބަޔާން ކޮށްފައިވާތީ އެކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެޗްއާރުސީއެމުން ދިން މުއްދަތުގައި އެފަދަ ޖަލެއް ގާއިމު ނުކުރެވޭނެ ކަރެކްޝަނަލް ސާވިސްއިން ކޯޓަށް މައުލޫމާތު ދީފައި ވުމުން ކަމަށެވެ.
ޖުވެނައިލް ކޯޓުގެ އެ ނިންމުމާ މެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އުދައްޔުގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެއެވެ.
އެ ތިން މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ އަހްމަދު ޝަމީމާއި ގއ. މާމެންދޫ، ބިލަތްމާގެ ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ މުހައްމަދު މާޒިންއެވެ.
އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު