މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އަވަސް ހައްލެއް ނުހޯދައިފިނަމަ މި ގަރުނު ނިމޭއިރު ރާއްޖެ ދެމިނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި އިއްޔެ ފެށި ތިމާވެށީގެ އެންމެ ބޮޑު ސަމިޓް، ކޮޕް26 ގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ތަހަންމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ނުހޯދައިފިނަމަ މި ގަރުނު ނިމޭއިރު ރާއްޖެ ދެމި ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދުގެ ހާލަތަށް ބަލައި ރާއްޖެ ފަދަ ގައުމެއް ދެމިއޮތުން ނުރައްކަލަކަށް ވެއްޓިފައިވާތީ، މޫސުމާ ބެހޭގޮތުން ކުރިންވެސް ދެއްކެވި ވާހަކަތައް އަލުން ތަކުރާރު ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކިވަކި ގައުމުތަކުން މަސައްކަތްކޮށްގެން ހައްލު ނުކުރެވޭނެ ކަމަށެވެ. މިކަމަކީ ދުނިޔޭގެ ހުރިހާ ގައުމެއްވެސް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ ހާސިލުވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. ނެޓް ޒީރޯ ހާސިލުކުރުމަށް ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.