މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްލުގެ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއައްސަވާނީ ކިހާވަރެއް ވީމަތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުވާލުކުރައްވައިފިއެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި އިއްޔެ ފެށި ތިމާވެށީގެ އެންމެ ބޮޑު ސަމިޓް، ކޮޕް26 ގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޑަކުޑަ ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ހައިސިއްޔަތުން މިއަދުވެސް ހުއްޓި ހުންނެވީ މޫސުމާ ގުޅިގެން ކުރިންވެސް ދެއްކެވި ވާހަކަތައް ތަކުރާރު ކުރެއްވުމަށްޓަކައި ކަމަށެވެ.

މިއަދުގެ ހާލަތަށް ބަލައި ރާއްޖެ ފަދަ ގައުމެއް ދެމިއޮތުން ނުރައްކަލަކަށް ވެއްޓިފައިވާތީ، މޫސުމާ ބެހޭގޮތުން ކުރިންވެސް ދެއްކެވި ވާހަކަތައް އަލުން ތަކުރާރު ކުރުން ނޫން ގޮތެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކިހާވަރެއް ވީމަތޯ އަޅުގަނޑުމެން ވާހަކަތައް ތިބޭފުޅުން އަޑުއައްސަވާނީ،" ރައީސްގެ ސްޕީޗްގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ތަހަންމަލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް މިހާރުވެސް ރާއްޖެއިން ދަނީ ފެންނަމުން. މިދިޔަ މަހުގައި އަޅުގަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހަ ރަށަކަށް ކުރި ދަތުރުތަކުގެ ތެރެއިން އެ ހަ ރަށުންވެސް ރަށް ގިރުމުގެ މައްސަލަތައް ވަނީ ފެނިފައި. މޫސުމީ ބަދަލުތަކުން ދިމާވާ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މިއީ އެންމެ މިސާލެއް. ރާއްޖޭގެ ރަށްތައް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ކަނޑަށް ގަރަގުވަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް އަވަސް ހައްލެއް ނުހޯދައިފިނަމަ މި ގަރުނު ނިމޭއިރު ރާއްޖޭގެ ނިމުން އައުން ވަރަށް ގާތް ކަމަށެވެ.