ޚަބަރު

ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމަށް މީޑިއާގެ ދައުރު ފުޅާކުރުމަށް ޓްރެއިނަރުން ތަމްރީނުކޮށްފި

ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކޮށް، ވަރުގަދަކުރުމަށް މީޑިއާގެ ދައުރު ފުޅާކުރުމަށް ރާއްޖެއަށް އަމާޒުކޮށްގެން ހާއްސަ ޓްރެއިނިންއެއް ކުރިއަށްގެންގޮސްފިއެވެ.

އައްޑޫ ވިމެންސް އެސޯސިއޭޝަނާ ގުޅިގެން ދިއްލީ މެޓްރޮޕޮލިޓަން އެޑިއުކޭޝަން (ޑީއެމްއީ) އިން އިންތިޒާމުކޮށްގެން އޮންލައިންކޮށް ބޭއްވި ޓްރެއިން އޮން ޓްރެއިނާސް (ޓީއޯޓީ) ގައި ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމުގެ މައުޟޫއުގެ ދަށުން އަންހެނުން ބާރުވެރިކުރުމަށް މީޑިއާއަށް އަދާކުރެވޭނެ މުހިންމު ދައުރާ ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންދިޔައެވެ.

ހަތް ދުވަހުގެ މުއްދަތަށް މިއަދު ކުރިއަށްގެންދިޔަ އެ ޓްރެއިނިން ނިންމުމުގެ ގޮތުން މިއަދު ބޭއްވި ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު މުހައްމަދު ދީދީއެވެ. އެ ޓްރިއިނިންގައި ރާއްޖޭގެ ހޮސްޓުގެ ގޮތުގައި ރާއްޖެއިން ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލް ޑރ. މަރިޔަމް ޝަކީލާ ބައިވެރިވެވަޑައިގެންނެވި އިރު، އިންޑިއާގެ ހޮސްޓުގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޑީއެމްއީގެ ވައިސް ޗެއާމަން އަމަން ސަހްނީއެވެ.

އެ ޓްރެއިނިންގައި ލީޑް ފެކަލްޓީންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޕްރޮފެސަރު އަމްބްރިޝް ސަކްސޭނާ އާއި ޕްރޮފެސަރު ޖައިޝްރީ ޖެތުވާނޭއެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުވެފައިވަނީ ވަން މީޑިއާ ގްރޫޕުގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި އޭއޯ ނިއުސްގެ ފައުންޑަރު ޝިމްލާ އަހުމަދާއި ވެސްޓް އޮސްޓްރޭލިއަން މޯލްޑިވިއަން އެސޯސިއޭޝަންގެ ހަޒާންދާރު މޫސާ ރައްޔާން ޝާހިދުގެ އިތުރުން ޕަބްލިކް ރިލޭޝަންސް ތަޖުރިބާކާރު ޝައުފާ ހުސައިނެވެ.

އެ ޓްރެއިނިންގައި ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް މުޖުތަމައުގެ ތެރޭގައި ދެ ޖިންސުގެ ވިސްނުން ބަދަލުކުރުމާއި، މީޑިއާގައި ހަމަހަމަކަމާއެކު ދެ ޖިންސުގެ ބައިވެރިވުން އިތުރުކުރުވުމާއި، ޑިޖިޓަލް މީޑިއާ އާއި ފިލްމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ހަމަހަމަކަމަށް ވަކާލާތުކުރުމާ ގުޅޭގޮތުން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތަކާއި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ވެސް ސެޝަންތައް ކުރިއަށްގެންދިޔައެވެ.

އެ ޓްރެއިނިން ނިންމުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މުޖުތަމައުގެ ވިސްނުން ބަދަލުކުރުމަށް މީޑިއާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށާއި މީޑިއާގައި ހަބަރުތައް ގެނެސްދިނުމުގައި ދެ ޖިންސުގެ ހަމަހަމަކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި މި ޓްރެއިނިންގައި އެ މުހިންމުކަން އެނގިގެންދިޔަ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ. ސަރުކާރުގެ އެކްޝަން ޕްލޭނުގައި ވެސް އެކަންކަން ފާހަގަކޮށްފައިވާނެ. ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނެއް ވެސް ރާއްޖޭގައި ވަނީ އެކުލަވާލާފައި. އަދި އޭގެ ދަށުން ހަދަން ޖެހޭ އުސޫލުތައް ވެސް މިހާރު ވަނީ ނިމިފައި. އަންނަ މަހުން ފެށިގެން އެކްޝަން ޕްލޭންގެ ޓާގެޓުތަކަށް ވެސް މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނުގައި ވެސް މީޑިއާ އިން އެ ހަމަހަމަކަމަށް އިސްކަންދިނުމަށް ބާރު އަޅާފައިވާ ކަމަށާއި އެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި މީޑިއާއާ ގުޅިގެން މަސައްކަތްކުރުމުގެ ޕްލޭނެއް އޮންނާނެ ކަމަށެވެ. އަދި މީޑިއާ މޮނީޓާކުރުމުގެ ރަނގަޅު މެކޭނިޒަމެއް ބޭނުންވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ޓްރެއިނިންގައި ތަމްރީނުވި ޓްރެއިނަރުން މާލޭ ސިޓީ އާއި އައްޑޫ ސިޓީގައި އެކަމާ ގުޅޭ ހާއްސަ ޓްރެއިންތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގައި އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ޓްރެއިނިންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިރު، އައްޑޫގައި ފަސް ދުވަހުގެ ޓްރެއިނިން ފަށާނީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއިން ކޮންމެ ޓްރެއިނިންއެއްގައި 15 މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.