އަތޮޅުތެރޭގައި ބޭނުންކުރުމަށް ރާއްޖެ ގެނައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ.

އެސްޓީއޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގެންނަން ޖެހޭ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސެއް މި މަހުގެ އަށް ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެއީ ފުރަތަމަ ޝިޕްމެންޓެވެ.

ހެލްތު މިނިސްޓްރީން މިރޭ ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް ރާއްޖެ ގެނައި އެމްބިއުލާންސްތައް 20 ރަށަކަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެއީ ކޮންމެ ރަށަކަށް އެއް އެމްބިއުލާންސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

  • ހއ. އުލިގަން
  • ހއ. ފިއްލަދޫ
  • ހދ. މަކުނުދޫ
  • ހދ. ނޮޅިވަރަމް
  • ށ. ފޯކައިދޫ
  • ނ. މިލަދޫ
  • ނ. ހެނބަަދޫ
  • ރ. އިނގުރައިދޫ
  • ޅ. ކުރެންދޫ
  • ބ. ތުޅާދޫ
  • ކ. ހުރާ
  • އދ. ދަނގެތި
  • ފ. ބިލެއްދޫ
  • ތ. މަޑިފުށި
  • ލ. މާމެންދޫ
  • ގއ. ގެމަނަފުށި
  • ށ. މަރޮށި
  • ތ. ގާދިއްފުށި
  • ބ. ކުޑަރިކިލު
  • އއ. ތޮއްޑޫ

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު މީގެ ކުރިން ވިދާޅުވެފައިވަނީ އިތުރު 20 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.