ހުސްވި މެއި މަހުގެ 27 އިން ފެށިގެން އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮ ކުރުމާ ގުޅިގެން މޯބައިލް ހިދުމަތާބެހޭގޮތުން އާއްމުންގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ވަން" އޮންލައިންގެ "އެކްސްކްލޫސިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ކުރި މަޝްވަރާތަކުގައި މީހުން އެންމެ ބޮޑަށް ވަކާލާތު ކުރި އެއް ކަމަކީ ސާވިސް ކޮލިޓީ ރަނގަޅު ކުރުމަށް ކަމަށެވެ. ނަމަވެސް އާންމުން ވޭނުންވީ ބިލުން 100 އެއްހާ ރުފިޔާ ކަނޑާލަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ޕަބްލިކުން ބޭނުންވީކީ ސަތޭކައެއްހާ ރުފިޔާ ބިލުން ކޮންމެހެން ކަނޑާލާކަށް، ނުވަތަ އެއް ޖީބީ އެމީހުންގެ ޑޭޓާ ޕްލޭނަށް އިތުރުވާކަށް ހެނެއް، ހަގީގަތުގައި ޖެހޭ މައްސަލައަކީ މަހުގެ މެދާ ހަމައަށް ދާއިރުގައި ޑޭޓާ ހުސްވެ ނެޓްފްލިކްސް ބަލާއިރުގައި ހުއްޓުމާއި ޔޫޓިއުބް ވީޑިއޯއެއް ބަލާނުލެވުމާއި އޮޓޯއިން އަޕްލޯޑް ނުވުމާއި މިކަންތައްތަައް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮ ކުރުމުގައި ސާވިސް ޕްރޮވައިޑާ އާއި ޓެކް ކޮމިއުނިޓީއާ ވާހަކަ ދައްކައިގެން ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިނިމަން ތްރޮޓް ސްޕީޑް ދެ އެމްބީޕީއެސްއަށް ބަދަލު ކުރުން ކަމަށެވެ.

"ދެން އެއާ އެކީގައި ތަންކޮޅެއް ގްރެއިނީ ވެދާނެ އެހެން ނަމަވެސް ނުހުއްޓި ވީޑިއޯ ބަލައި ލެވޭވަރު އެބަވޭ މިހާރު، އަދި ތަންކޮޅެއް މަތީ ޕެކޭޖުތަކަށް ފައިވް އެމްބީޕީއެސްގެ މިނިމަމް ތްރޮޓް ސްޕީޑެއް އެބަ ލިބޭ، އެއީ ބޮޑު ބަދަލެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އިންޓަނެޓްގެ ހިދުމަތަށް އައި ބަދަލު ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޓަނެޓްގެ ހިދުމަތަށް އައި ބަދަލާއެކު އާއްމުންގެ ޝަކުވާތައް ހުށަހެޅުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެއިމް) މެދުވެރިކޮށް ހޮޓްލައިނެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ހަފުތާއަކު އެއްފަހަރު ކޭމްއާ ބައްދަލު ކުރައްވަމުންގެންދަވާ ކަމަށާއި ކަމާބެހޭ ގޮތުން ހުށަހަޅާ ޝަކުވާތައް އެ ފަރާތުން ސާފުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ ހޮޓްލައިނަކަށް ނުހުރޭ ބްރޯޑް ބޭންޑްގެ ހިދުމަތާބެހޭ ޝަކުވާތަކެއް އައިސްފައެއް، އެހެން ނަމަވެސް މިހާރު ފަހުން މި ތައާރަފު ކުރި މޯބައިލްގެ ހިދުމަތާބެހޭގޮތުން ޝަކުވާތައް އެބަހުރި، އަޅުގަނޑަށް އެނގޭ އެކަމުގައި ޝަކުވާ ހުރިކަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ޝަކުވާތަކުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ހައްލު ކުރުމަށް ސާވިސް ޕްރޮވައިޑާ އާއި ކޭމްއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.