ލައިފް ސްޓައިލް

އުފާވެރި ދިރިއުޅުމެއް އެދެންޏާ، ދިމާވާ ހިތާމަވެރި ކަންތައްތައް ހަނދާން ނައްތައިލާށެވެ!

އަހުމަދު މިސްބާހު މުނީރު

ޢަލީ އާއި އަޙުމަދަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެންމެ ކުޑަ އިރުއްސުރެ އެކުގައި އުޅެމުން އަންނަ ދެ މީހުންނެވެ. ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުގައި ދެ މީހުން އެކަކު އަނެކަކަށް އެހީތެރި ވެ، ހިޔާލު ދީ، ހިތްވަރު ދީ ހަދައެވެ. ކޮންމެ ކަމެއް ދިމާ ވިޔަސް އެކަކު އަނެކަކާ ހިއްސާ ކޮށް، އެކަކު އަނެކެއްގެ ލަފާ ހޯދައެވެ. އަދި ދެ މީހުންގެ ރަޙުމަތްތެރިކަން އިސް ކޮށް ދަމަހައްޓައެވެ.

ކިޔަވައި ނިންމައިލުމަށްފަހު ވަޒީފާއެއް ހޯދުމަށް ޓަކައި ދެ މީހުން ވެސް ނުކުމެއްޖެއެވެ. ވަޒީފާ ހޯދުމަށް ޓަކައި އެއް ޝަހަރުން އަނެއް ޝަހަރުން ދަތުރު ކުރަމުން މި ދެ އެކުވެރީން ދިޔައެވެ. ޖަންގަލިތަކާއި ސަހަރާތައް ކަޑައްތު ކޮށް އަވަށްތަކަށް އަރަމުން ފަރަމުން ދިޔައެވެ. އެހެން ނަމަވެސް ވަޒީފާއެއް ލިބޭނޭ ގޮތެއް ނުވިއެވެ.

އުއްމީދު ކަނޑައި ނުލައި ވަޒީފާ ހޯދުމުގެ އަޒުމުގައި މި ދެ އެކުވެރިން ކުރަމުން ދިޔަ ދަތުރުގައި، ވަރަށް ބޮޑު އަދި ހޫނުކަން ގަދަ ސަހަރާއަކާ ދިމާވެއްޖެއެވެ. ސަހަރާ ކަޑައްތު ކުރުމަށް ޓަކައި ކުރާން ޖެހުނު ދަތުރުގެ މެދުތެރެއިން ދެ ރަހުމަތްތެރިން ބުއިމަށް ޓަކައި ގެންދިޔަ ފެން ހުސްވާން ކައިރި ވިއެވެ.

ޢަލީ ވަރަށް ބޮޑަށް ފެންބޮވައިގަނެގެން ފެން ބޯން ބޭނުން ވިއެވެ. އެހެން ނަމަވެސް އަހުމަދު ބޭނުން ވީ ފެންފޮދު ފަހަށް ރައްކާ ކުރާށެވެ. ސަހަރާގެ ބޮޑުބައި ކަޑައްތު ކުރާން އޮތުމާ އެކު ފެންފޮދު އެއްކޮށް ހުސް ވެއްޖެ ނަމަ ފަހުން ވާނޭ ގޮތެއް ނޭނގޭތީއެވެ. ނަމަވެސް ކަރު ހިއްކައިގެންފައި ހުރި ވަރުން އަލީ ބޭނުން ވީ ފެން ބޯށެވެ. މި ބަހުސް ޒުވާބަކަށް ބަދަލު ވެ އެންމެ ފަހުން ދެ މީހުން ހިފައިގެންފިއެވެ. މި ސަކަރާތުގެ ތެރޭގައި ފެން ޓައްޕު ވެއްޓި އޭގައި ހުރި ފެން ސަހަރާގެ ވެލިގަނޑުގެ ތެރެއަށް ހިނދި ގެއްލުނީއެވެ.

މި ކަމާ ރުޅި އައިސްގެން އަހުމަދު އަލީގެ ކަންކަށިމަތީގައި ތަފާލެއް ޖެހިއެވެ. އެ ވަގުތު އަލީ ސަހަރާގެ ވެލިގަނޑުމަތީގައި ލިޔުނެވެ. "އަހަރެންގެ އެކުވެރި އަހުމަދު އަހަރެންގެ ކަންކަށިމަތީގައި ޖަހައިފިއެވެ."

މި ހާދިސާއަށް ފަހު ދެ މީހުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ. މި ނުތަނަވަސްކަމާ އެކު ދެ މީހުން ސަހަރާ ކަޑައްތު ކުރުމަށް ޓަކައި އަނެއްކާވެސް ދަތުރު ފެށިއެވެ. ތަންކޮޅަކަށް ދެވުނު ތަނާ ވަރަށް ބޮޑު ކޯރަކާ ދިމާވެއްޖެއެވެ. ދެ ރަހުމަތްތެރިން ވަރަށް އުފަލުން ކޯރަށް އެރި ބަނޑުފުރައި ފެންބޮއި، ފެންވަރައި، ޓައްޕަށް ފެން ފުރައި ކަންތައް ކޮށްފިއެވެ.

ކޯރުގައި ދެ ރަހުމަތްތެރީން ފަތައި އުޅުމުގެ ތެރޭގައި، އަލީ ކޯރުގެ އޮއިވަރާ މެދު ފަރުވާކުޑަ ކޮށްލައި، ކޯރުގެ ފުން ހިސާބަށް ގޮސް އުޅެނިކޮށް އޮއިވަރާ އެކު ބޭރަށް ދަމައިގެންފިއެވެ. އެވަގުތު އަހުމަދު ފަތައިފައި ގޮސް އަލީ ނަގައިގެން ގޮނޑުދޮށަށް ގެނެސް އަލީގެ ފުރާނަ ސަލާމަތް ކުރިއެވެ.

ދެ ރަހުމަތްތެރީން ގައިން ފެން ހިއްކައި، ހިކި ފޭރާން ލައިގެން ކެއުމާއިގެން މަޝްޣޫލު ވިއެވެ. ކައި ނިމިގެން ދަތުރަށް ތައްޔާރު ވަމުން ދިޔަ ވަގުތު އަލީ ކައިރީގައި ހުރި ފަރުބަދައެއްގައި "އަހަރެންގެ އެކުވެރި އަހުމަދު އަހަރެންގެ ފުރާނާ ސަލާމަތް ކުރިއެވެ" މިހެން ކަނޑައިނަގައި ލިޔުނެވެ.

އެތަން އަހުމަދަށް ފެނިގެން ސުވާލު ކުރިއެވެ. "ތިޔަ ލިޔަނީ ކޯއްޗެއް ހެއްޔެވެ"؟ އަލީ ޖަވާބު ދިނެވެ.

"އަހަރެން މި ލިޔުނީ އަހުމަދު އަހަރެންގެ ފުރާނަ ސަލާމަތް ކުރި ވާހަކައެވެ. ކުރީފަހަރު އަހަރެންގެ ގައިގަ ޖެހީމާ، އެ ވާހަކަ އަހަރެން ލިޔުނީ ސަހަރާގެ ވެލިގަނޑުމަތީގައެވެ. ސަބަބަކީ އަހަރެން އެކަން ހިތުގައި ބާއްވާން ބޭނުން ނުވުމެވެ. މިހާރު އެ ވާހަކަ ވާނީ ވައިރޯޅިއާ އެކު ފޮހެވިފައެވެ. އެކުވެރިޔާ އަހަރެންގެ ފުރާނަ ސަލާމަތް ކުރި ވާހަކަ އަހަރެން މި ލިޔުނީ ފަރުބަދައިގެ ހިލަ ކަނޑައިނަގައިގެންނެވެ. މި ލިޔުން ކިތަންމެ ދުވަހެއް ވިޔަސް ފޮހެވިގެން ނުދާނެއެވެ. އަދި އަހަރެންގެ ހިތުން ވެސް މިކަން ދުވަހަކު ވެސް ފިލައިގެނެއް ނުދާނެއެވެ."

އިބުރަތް: ތިމާގެ ހަޔާތުގައި ދިމާވާ ހިތާމަވެރި، ދަތި، އަދި އުނދަގޫ ކަންތަކާއި ދުވަސްތައް މަތީން ވިސްނައި ފިކުރު ކުރުމަކުން ވާނޭ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. "ނައްސި" ވިސްނުމަކީ ތިމާގެ ހަޔާތް އަބާއްޖަވެރި ކުރުވާ ކަމެކެވެ. ނަމަވެސް ތިމާގެ ހަޔާތުގައި ދިމާވާ ރަނގަޅު، އުފާވެރި، އަދި ހިތްހަމަޖެހޭ ކަންތައްތަކާ މެދު ވިސްނައި އެކަންތަކަށް ﷲ ސުބުހާނަހޫ ވަތައާލާޔަށާއި، އެ ކަންކަން އެ ބައެއްގެ ފުށުން ވުމަށް އެކަލާނގެ މިންވަރު ކުރެއްވި އާއިލާގެ މެންބަރުން، ރަހުމަތްތެރީން، އަދި އެ ނޫން މީހުންނަށް ވެސް ޝުކުރުވެރި ވުމަކީ ތިމާގެ ހަޔާތް ބާއްޖަވެރި ވާނޭ ކަމެކެވެ.

********

ތަރުޖަމާ: އަޙުމަދު މިސްބާޙު މުނީރު