ޚަބަރު

އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި

މުހައްމަދު އިޝާން

އެމްޑަބްލިޔުއެސްސީން ރ. އިންނަމާދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހުކޮށްފިއެވެ.

އިންނަމާދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޝާހާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އަދި ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފުގެ އިތުރުން އިންނަމާދޫ ކައުންސިލުގެ ރައީސް އަހުމަދު އަޒުމީނެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ރަށަށް ގެނެވި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ފްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 70 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 8.33 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމުކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތްކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓު ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ވެސް ބަހައްޓާނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ އެ ގެތެކަށް ރައްކާތެރި ބޯފެން ލިބޭނެ ގޮތް ހަދައިދީ، ފެނުގެ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އިންނަމާދޫ ފެނުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 50،771،305،43 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.