ގއ. ކޮލަމާފުށީގައި ހުންނަ އެ އަތޮޅު، އަތޮޅު މަދަރުސާގެ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވާ ރޭޓު އިތުވަމުންދާތީ އެ ރަށް އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.
ކޮލަމާފުށި މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު މޮނިޓަރިނއަށް ލުމަށް ފަހު އާންމު ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެފަހުން މަދު މަދުން ނަމަވެސް ކަރަންޓީނުގައި ތިބި ބައެއް މީހުންނާއި ޑައިރެކްޓް ކޮންޓެކްވި މީހުން ދިޔައީ ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް ރަށުތެރޭގައި ބަލި އުޅޭކަމަށް ލަފާކޮށް އެރަށު ސިއްހީ މަރުކަޒުން ރެންޑަމް ކޮށް ގިނަ ސާމްޕަލްތަކެއް ނެގި އެވެ. އޭގެ ތެރެއިންވެސް ބަޔަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ހާއްސަ ކޮށް ސްކޫލް ކުދިން ޕޮޒިޓިވް ވާ ރޭޓު ދަނީ އިތުރުވަމުންނެވެ.
ކޮލަމާފުށި ކައުންސިލް ނައިބު ރައީސް ޝަހާމަތު ހަނީފް "ވަން" އަށް މިއަދު ވިދާޅުވީ، އެރަށް ރޭގެ ވަގުތެއްގައި އަނެއްކާވެސް މޮނިޓަރިން އަށް ލާފައިވަނީ ރެންޑަމް ކޮށް ނަގާ ސާމްޕަލްތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކަމަށެވެ. އަދި ހާއްސަކޮށް ސްކޫލް ކުދިންގެ މެދުގައި ބަލި ފެތުރޭލެއް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހާމަތު ވިދާޅުވީ ސްކޫލް ކުދިންގެ ތެރެއިން މިހާރުވެސް ގުރޭޑު 10ގެ ހުރިހާ ދަރިވަރުން ކަރަންޓީނު ކޮށްފައިވާ ކަމަށާއި އަދި އެ ގުރޭޑުން އެއް ދަރިވަރަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"ސްކޫލް ކުދިން ގިނައިން ޕޮޒިޓިވް މިވަނީ. ދެން ސްކޫލުގަ އެބަ އުޅޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަ ކުދިންވެސް. މި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން އެބަޖެހޭ ކަށަވަރު ކުރަން. ވެކްސިން ނުޖެހޭ އުމުރުގަ އެބަ ތިބޭ ހައިރިސްކު ކުދިންވެސް. އެހެންވެ ޓާސްކްފޯހާ މަޝްވަރާ ކޮށްފަ އެޗްޕީއޭ އަށް އެންގީ ރަށުގެ ހާލަތު. ދެން އެ ބޭފުޅުން ނިންމީ މޮނިޓަރިން އަށް ލާން. މިހާރުވެސް އެކި ގުރޭޑު ތަކުން ފަސް ކުއްޖަކު ޕޮޒިޓިވް ވެ އެތައް ކުދިންނެއް އެބަތިބި ކަރަންޓީނުގަ." އޭނާ ވިދާޅުވި އެވެ.
ކޮލަމާފުށްޓަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ޕީސީއާރް ޓެސްޓާ ނުލައި ދެވެ އެވެ.
ޝަހާމަތު ވިދާޅުވީ ވެކްސިން ކުރުމަށްފަހު ޕީސީއާރާއި ނުލައި މާލެއިން ކޮލަމާފުށްޓަށް ދިޔަ މީހަކު، އެރަށަށް ދިޔަތާ ދެވަނަ އަށް ވީ ދުވަހު މާލޭގައި އޭނާ ހުރި ގޭގެ މީހަކު ޕޮޒިޓިވް ވެ އޭނާވެސް ކަރަންޓީނު ކުރި ކަމަށެވެ. ނަމަވެސް އޭރު ރަށަށް އައުމަށް އޭނާ އެރި ލޯންޗުންނާއި ރަށުތެރެއިން ބައެއް މީހުންނާއި ކޮންޓެކްޓުވެފައިވާ ކަމަށެވެ. އޭނާގެ ފަރާތުން އަލާމާތްތަށް ފެނުނީ ކަރަންޓީނު ކުރި ފަހުން ކަމަށާއި އަދި ނެގި ސާމްޕަލް ރޭގެ ވަގުތެއްގައި ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮލަމާފުށީ ހަތް ގެއަކުން 13 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު 20 ގެއެއް މިހާރުވެސް ވަނީ ކަރަންޓިނު ކޮށްފަ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ޕޮޒިޓިވް ވާ އަދަދު އިތުރުވެ ކޮންޓެކްޓު ޓްރޭށިން ހަދަން ޖެހޭނަމަ އެރަށެއް އާންމު ހާލަތަށް ގެނައި ނަމަވެސް އަލުން މޮނިޓަރިން އަށް ލާނެ ކަމަށެވެ.
ރާއްޖޭގެ 22 ރަށެއް މިހާރުވެސް މޮނިޓަރިން އަށް ލާފައިވާއިރު ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ހާއްސަކޮށް އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މައްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު