އަހަރުން އަހަރަށް ތަމްރީނު ވެގެން ނުކުންނަ ނަރުހުންގެ އަދަދަށް ބަލާއިރު، ހިދުމަތް ދޭ ތަންތަނުގައި މި އަދަދުތައް ތަމްސީލު ވެގެންދާ މިންވަރު ވަރަށްވެސް މަދު ކަމަށާއި، މިކަން މިގޮތަށް ކުރިމަތިވަނީ ކޮން ސަބަބުތަކަކާ ހެދިތޯ، ސްކޫލް އޮފް ނާސިން އާއި މިނިސްޓްރީ އޮފް ހެލްތުން އިތުރަށް ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު މީރުމާ އިވެންޓްސް ގައި ބޭއްވި "ނާސިންގް އިން ދަ މޯލްޑިވްސް" ފޯރަމް ގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައި ނަރުހުންގެ ހިދުމަތަކީ ސީދާ ބަލިމީހާ އާ ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން ބަލިމީހާއަށް ބޭނުންވާ ނަރުހުންގެ މުހިންމުކަން އެންމެ ބޮޑަށް އިހުސާސްކުރެވިގެން ދިޔައީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައިވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ނަރުހުންގެ އަދަދު ބޭނުންވާ މިންވަރަށްވުރެ މަދުވެފައިވާތީ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ކޮވިޑް 19 ގައި ދުނިޔޭގެ ގައުމުތައް ފުރަބަންދުކޮށްފައި ވާތީ ރާއްޖެއަށް ބޭރުން ނަރުހުން ގެނައުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވުމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ނަރުހުންގެ އަދަދު މަދުވުމުން މި ހާދިސާގައި ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރަން ޖެހޭކަން އެނގިގެން ދިޔަ ކަމަށެވެ. އަދި މިފަދަ ބޮޑު ކާރިސާއެއް މެނޭޖްކުރުމަށް ޓަކައި ރެޔާއި ދުވާލު ވަރުބަލިކަމެއް ނެތި ހިދުމަތްކޮށްދެއްވި ހީވާގި ނަރުހުންނަށް ވަރަށް ހާއްސަ ޝުކުރެއް މިނިސްޓަރު އަދާކުރެއްވި އެވެ.

އޭގެ އިތުރުން ހިދުމަތުގައި މިވަގުތު ތިބީ 2913 ނަރުހުން ކަމަށާއި، މިއީ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އެހެނިހެން ހިދުމަތްތެރީންގެ 50 ޕަސެންޓަށްވުރެންވެސް މަތީ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކަމަކީ މިހާ ހިސާބަށް އައި އިރު، 42 ޕަސެންޓަކީ އަދިވެސް ރާއްޖޭން ބޭރުގެ މުވައްޒަފުން ކަމަށާއި އަދި ދިވެހި ނަރުހުންގެ އަދަދަކީ އެންމެ އަށް ޕަސެންޓް ކަމަށެވެ.

މިކަން މިގޮތަށް ދިމާވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކުރާ މަސައްކަތާއި ނަގާ ރިސްކާއި އަޅައި ބަލާއިރު ނަރުހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުދެވުމާއި، ކުރާ މަސައްކަތާއި އެކަށޭނަ އުޖޫރައެއް ނުލިބުމާއި އަދި ނަރުހުންގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ނުކުރެވުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފާއިތުވި ހަތަރު އަހަރަށް ބަލާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކޮންމެ އަހަރަކުވެސް 3000 އަށްވުރެން ގިނަ ދަރިވަރުން ނަރުސް ކަމަށް ޓްރެއިން ކުރެވޭ ކަމަށާއި، އެގޮތުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ބައެއް ނަރުހުންނަކީ މިހާރުވެސް ހިދުމަތުގައި ތިބި ނަރުހުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް އަހަރުން އަހަރަށް ތަމްރީނުވެގެން ނުކުންނަ ނަރުހުންގެ އަދަދަށް ބަލާއިރު، ހިދުމަތްދޭ ތަންތަނުގައި މި އަދަދުތައް ތަމްސީލުވެގެންދާ މިންވަރު ވަރަށްވެސް މަދު ކަމަށާއި، އަދި މިކަން މިގޮތަށް ކުރިމަތިވަނީ ކޮން ސަބަބުތަކަކާ ހެދިތޯ، ސްކޫލް އޮފް ނާސިންއާއި މިނިސްޓްރީ އޮފް ހެލްތުން އިތުރަށް ބަލައި ދިރާސާކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.