Close
ޚަބަރު

ދަރިއެއް ނޫންކަން ސާބިތުކުރުމަށް 35 އަހަރު ފަހުން ހުށަހެޅި މައްސަލަ ހައިކޯޓުންވެސް ކާމިޔާބެއް ނުވި

މުހައްމަދު އިޝާން

ދަރިއެއް ނޫން ކަމަށް ބުނެ ޑީއެންއޭ ބޭނުން ކޮށްގެން އެކަން ސާބިތުކުރަން ހައި ކޯޓަށް 35 އަހަރު ފަހުން ހުށަހެޅި މައްސަލައެއް ބެލެން ނެތް ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މއ.ދަނބުގަސްދޮށުގެ އިބްރާހީމް ޝަރީފުއަކީ، އިސްމާއީލް ޖަލީލް މުހައްމަދުގެ ދަރިއެއްކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އޭނާ ވަނީ ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ފެމިލީ ކޯޓުން ވަނީ އެ މައްސަލަ ނުބަލައި ބޭރުކޮށްލައިފައެވެ

ފެމިލީ ކޯޓުން އެ މައްސަލަ ނުބަލައި ބޭރުކޮށްލީ، ޝަރީފްގެ އުފަންދުވަހުގެ ސެޓްފިކެޓްގައި ޖަލީލަކީ ބައްޕަ ކަމަށް ބަޔާންކޮށްފައިވުމުގެ އިތުރުން ޖަލީލުގެ ފަރާތުން ނަސަބު ސާބިތު ކުރުމަށް އެދި މައްސަލަ ހުށަހަޅާފައިވަނީ ޝަރީފުގެ އުމުރުން 35 އަހަރު ފަހުން ކަމަށް ވާތީ އަދި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޓަކައި ޖަލީލު ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވިއިރު ދީފައިވާ އެޑްރެހުގައި ނޫޅޭތީ އާއި ކޯޓަށް ދީފައިވާ ނަންބަރަށް ނުގުޅޭތީއެވެ.

އެ މައްސަލަ އަލުން ޖަލީލުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖެނުވަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. މިފަހަރު މައްސަލަ ހުށަހެޅިއިރު ދައުވާ ފޯމުގައި ދައުވާ ރައްދުވާ ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ. ދައުވާ ރައްދުވާ ފަރާތެއް ބަޔާންކޮށްފައި ނުވަނީ ދައުވާ ރައްދުވާ ފަރާތް ކަމަށްވާ ހ.ސާޖް، ޢާއިޝަތު ޒަކަރިއްޔާ މަރުވެފައިވާތީއެވެ.

ޖަލީލުގެ ފަރާތުން ދެ ވަނަ ފަހަރަށް ހުށަހެޅި މައްސަލައިގެ ދައުވާ ފޯމުގައި އެދިފައި ވަނީ އާއިޝަތު 13 ފެބްރުއަރީ 1976 ގައި ވިހާފައިވާ، އިބްރާހީމް ޝަރީފުއަކީ، ޖަލީލު، އާއިޝަތު ވަރިކުރިތާ ހިޖުރީ ގޮތުން 11 މަހާއި 25 ދުވަސް ފަހުން ވިހާފައިވާ ކުއްޖަކަށް ވެފައި، ވަރިކުރި އިރު އާއިޝަތު އިނީ ބަލިވެ ނޫންކަމަށް ވަރިކުރިތާ އެއްމަސް ފަހުން އާއިޝަތު އޭނާގެ ގާތުގައި ބުނެފައިވުމާއި، އާއިޝަތު ބަލިވެ އިންކަމެއްވެސް ވިހޭ ކަމެއްވެސް އޭނާއަށް އެނގިފައި ނުވުމާއި، އަދި އާއިޝަތުވެސް 05 ޑިސެމްބަރު 2011 ގައި މިމައްސަލަ ކޯޓަށް ހުށަހެޅުމާއި ހަމައަށްވެސް އެކަން އޭނާ އަށް އަންގާފައި ނުވުމާއި، އަދި ދަރިއަކު ހުރިކަން ނޭނގުމުގެ އިތުރުން ދަރީގެ ހަރަދެއް ހޯދަންވެސް އުޅެފައި ނުވުމާއި، މީގެކުރިން މިމައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު ދަރި ނަފީކޮށް ހުވާކޮށް ލިއާން ކުރުމަށް ހުރިކަމަށް އޭނާ ހުށަހެޅި ހުށަހެޅުމާމެދު ޝަރީއަތުން ގޮތެއް ނުނިމި އޮއްވައި އާއިޝަތު މަރުވެފައިވުމާއެކު، މިހާރު ލިއާން ކުރުމުގެ ފުރުސަތު ނެތުމާއެކު، ޝަރީފުގެ ޑީ.އެން.އޭ ނަންގަވައިދެއްވައި ޝަރީފަކީ ޖަލީލުގެ ދަރިއެއްކަން ސާބިތު ނުވާ ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.

ދެ ވަނަ ފަހަރަށް ހުށަހެޅި އެ މައްސަލަ ވެސް ނުބެލޭނެ ކަމަށް ފެމިލީ ކޯޓުން ވަނީ ނިންމައިފައެވެ. އެގޮތަށް ނިންމީ، ދައުވާގައި އެދިފައިވާ ކަންކަމަކީ ފެމިލީ ކޯޓުން ބަލާ މައްސަލައަކަށް ނުވާތީއެވެ. ފެމިލީ ކޯޓުގެ އެ ނިންމުން ޖަލީލު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، ކުއްޖާ ވިހާފައިވަނީ ދަރިލެއްވުމުގެ މުއްދަތުގެ ތެރޭގައިކަން ޖަލީލުގެ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި ދަރިލައްވާ މުއްދަތުގައި ކުއްޖަކު ވިހާފައި ވުމަކީ އެ މީހަކަށް އެ ދަރި ނިސްބަތްވާނެ ކަމުގެ ޝަރުއީ ހުއްޖަތެއް ކަމަށާއި އެކަން ނަފީ ކުރެވޭނީ ލިއާން ކޮށްގެން ކަމަށް ހުކުމުގައިވެއެވެ. ރާއްޖޭގައި ދަރިލެއްވުމުގެ އުސޫލުތައް ކަނޑައަޅާފައިވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.

ހުކުމުގައި އިތުރަށް ބުނީ، ދަރި ނަފީ ކުރުމަކީ ސީރިއަސް ކަމަކަށް ވާއިރު، ޖަލީލުގެ ފަރާތުން އަމަލުކުރި ގޮތަށް ބަލާއިރު ސީރިއަސް ކަމެއް ފެންނާކަށް ނެތް ކަމަށެވެ. އެގޮތުން ޖަލީލު ދަރި ނަފީކުރަން ފުރަތަމަ މައްސަލަ ހުށަހެޅީ ދަރިފުޅުގެ އުމުރުން 35 އަހަރު ވެފައި ވަނިކޮށް ކަމަށް ވުމާއި އެ މައްސަލަ ބޭރުކޮށްލުމުން ދެވަނަ ފަހަރަށް އޭނާ މައްސަލަ ހުށަހެޅީ އޭގެ ހަތް އަހަރު ފަހުން ކަން ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެމިލީ ކޯޓަށް ޖަލީލު ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން ކަނޑައެޅީ ރަނގަޅަކަށް ކަމަށެވެ.

މި މައްސަަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު، އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.