ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލުކުރި ލިޔުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މުގުނީ ވަނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ކުރި މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ މި ކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާ އިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައި މިވަނީ އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން،" މުގުނީ ވިދާޅުވިއެވެ.
އޭގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކިއެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ހިންގި ފަދަ އިތުރު ޕްރޮގްރާމުތައް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވައި، މަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށްޓަކައި، ނައިބު ރައީސް ފައިސަލް ނަސީމަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވައިފައެވެ.
ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި ދެފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުންކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓުކޮށް ބެއްދުން ހިމެނޭއެވެ.
އޭގެ އިތުރުން ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއަށް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވައިގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެއެވެ. އަދި އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލުކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމުގެ އިތުރުން، 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި މުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ، މިއީ މިނިސްޓްރީއަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިން ޑިރެކްޓަރު މުގުނީއަށާއި، އެކަމުގައި އަމަލީގޮތުން ބައިވެރިވި އެންމެހައި ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާ ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މަސައްކަތުން ޖާގަ އިތުރުވުމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް މި ގެނެސްދެވުނީ ބަދަލެއް ކަމަށާއި އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކީ އެއީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު