ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓުތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް ތައާރަފުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރަށް އެޕްރޫވް ވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމައަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިކާޑަކީ ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ކާޑެއް ކަމަށެވެ. އަދި މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލުކުރުމަށް އެދި ހުށަހެޅޭނެ ކަމަށާއި އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށްވެސް ކާޑަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.

އަލަށް ތައާރަފު ކުރި ކާޑަށް އަނބުރާ ދައްކަން ޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެެއް ކޮށްފައިވާތީ ހާލަތަށް ރިއާޔަތް ކޮށް، މިދިޔަ އަހަރު ބޭންކުން ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އެޅި ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތެރޭ ބޭންކުން ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފު ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމައަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރިވެސް ކުރެވޭނެ" ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، އަލަށް ތައާރަފު ކުރި ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރެވޭނެ ކަމަށާއި އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައްވެސް ކުރެވޭނެ ކަަމަށެވެ.