ބޫސްޓާ ޑޯޒް 1577 މީހަކަށް ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ނިންމައި އެކަން އިއުލާނު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެދުމަށް މިމަހުގެ ދެ ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

ޖުމުލަ 1577 މީހަކަށް ބޫސްޓާ ޑޯޒް ދީފައިވާ ކަން އެޗްޕީއޭ އިން ހާމަކުރި ނަމަވެސް، ބޫސްޓާ ޑޯޒް ޖެހި ސިއްހީ ހިދުމަތްތެރިންގެ އަދަދާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން ބުނީ، އެ މައުލޫމާތު ހޯދަން އަދި ދަތި ކަމަށެވެ.

ރާއްޖޭގައި 394،099 އަށް ވުރެ ގިނަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ އިރު، 354،759 މީހަކު ވަނީ ދެވަނަ ޑޯޒުވެސް ޖަހައިފައެވެ.

  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
  • ދިފާއީ ނިޒާމު ބަލިކަށި މީހުން
  • ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
  • ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
  • ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
  • 60 އަހަރު މަތީގެ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
  • ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
  • ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
  • އޮކްސިޖަން ތެރެޕީ ނަގާ މީހުން
  • ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން