ރޭ ލިވަޕޫލާ ދެކޮޅަށް ކުޅެ ބަލިވި މެޗަކީ ކޯޗިން ކެރިއަރުގައިވެސް ކުރިމަތިވި އެންމެ މާޔޫސީ ނަތީޖާ ކަމަށާއި، އެ ނަތީޖާ އަށް މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ކިބައިން މައާފަށް އެދޭ ކަމަށް ކޯޗު އޮލެ ގުނަ ސޮލްސްޖާ ބުނެފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލް އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ 1985 ވަނަ އަހަރަށްފަހު ޔުނައިޓެޑް ލިވަޕޫލް އަތުން އެހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. އޭރު ޔުނައިޓެޑުން ލިވަޕޫލް ދަނޑުގައި ބަލިވީ 7-1ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން އެންމެފަހުން ޔުނައިޓެޑް ދަނޑުގައި ޓީމަކުން އެޓީމު ކޮޅަށް ފަސް ގޯލު ޖެހީ 2020 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ޓޮޓެންހަމްއިން ޔުނައިޓެޑް ދަނޑުގައި އެޓީމު ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ޔުނައިޓެޑް ދަނޑުގައި ފަސް ގޯލަށްވުރެ ގިނަ ގޯލު ޖެހި ޓީމުތައް މަދެވެ. 2011 ވަނަ އަހަރު ސިޓީން ޔުނައިޓެޑުގެ ދަނޑުގައި އެޓީމު 6-1 އިން ބަލިކުރިއިރު، ދެން 2000 ގެ ފަހުން އެއްވެސް ޓީމަކަށް ޔުނައިޓެޑްގެ ދަނޑުގައި ފަސް ގޯލު ޖެހިފައެއް ނުވެއެވެ.
"މިއީ ކެރިއަރުގައި އެންމެ ކަޅު ދުވަސް. ޔުނައިޓެޑާއެކު ދާން ބޭނުންވާ މިސްރާބަށް ދެވެން ގާތްވި ނަމަވެސް މިހާރު އަނެއްކާވެސް ފަށަން މި ޖެހެނީ އެންމެ ފުލުން. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތް. އެކަމަކު މި މަސައްކަތުގައި އަހަރެން މިހުރީ ސާބިތުކޮށް، އަހަންނަކީ އުންމީދު ކަނޑާލައި، ދޫކޮށްލާނެ މީހެއް ނޫން،" ރޭގެ މެޗަށްފަހު ސޮލްސްޖާ ބުންޏެވެ.
ސޮލްސްޖާ ބުނެފައި ވަނީ ހާލަތުގެ ޒިންމާ އަމިއްލައަށް ނަގާނެ ކަމަށާއި، ސަޕޯޓަރުންނަށް މައާފަށް އެދި މާދަމާގެ މަސައްކަތަށް މިހާރު ވިސްނަމުން އަންނަ ކަމަށެވެ.
"މިއީ އެންމެންނަށްވެސް އުނދަގޫ ހާލަތެއް. މައާފަށް އެދެންވެސް ބޭނުން ސަޕޯޓަރުން ކިބައިން. އެކަމަކު އުންމީދު ގެއްލުވާނުލާތި! މި ހާލަތު ބަދަލުކުރަން ދެން ކުރަން އޮތް މަސައްކަތަށް ވިސްނަމުން މިދަނީ. އެކަން ދެން ކުރަން ޖެހޭނީ،" މާޔޫސީ މޫނަކާއެކު ސޮލްސްޖާ ބުންޏެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސަލާހާއި ޑިއޭގޯ ޖޮޓާގެ އިތުރުން ނަބީ ކެއިޓާއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ލިވަޕޫލުން 4-0 ގެ ނަތީޖާއަކުން ކުރީގައި އޮތްއިރު، މެޗުގައި ސަލާހް ވަނީ ހެޓްރިކް ހަދާފައެވެ. އެއީ 1936 ވަނަ އަހަރަށްފަހު ލިވަޕޫލް ކުޅުންތެރިޔަކު ޔުނައިޓެޑްގެ ދަނޑުގައި ހެދި ފުރަތަމަ ހެޓްރިކެވެ. މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުން އިތުރަށް މާޔޫސް ވާން ޖެހުނީ 60 ވަނަ މިނެޓުގައި ޕައުލް ޕޮގްބާއަށް ދެއްކި ސީދާ ރަތް ކާޑާއެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު