ޚަބަރު

ދަރުބާރުގެ މަރާމާތެއް ނުކުރާނެ، އަޅާނީ އާ އިމާރާތެއް: ޕްލޭނިން މިނިސްޓްރީ

އަލީ ޔާމިން

ދަރުބާރުގެ މަރާމާތުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި ރާވާފައި އޮތީ އާ ސެންޓަރެއް އަޅަން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގެއަކީ 1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ތަނެކެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ ދަބަރު ޖަހައި ބައެއް ސަރަހައްދުތަކުން ސީލިންގު ނެއްޓި ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މުއިއްޒު ވިދާޅުވެފައިވަނީ ދަރުބާރުގެ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށާއި އެތަނުގައި މީދާ ހާލި ހަދާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "ވަން" އަށް މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވީ، ދަރުބާރުގެ މަރާމާތުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށާއި އެއީ ދުވަސްވެފައިވާ ބާ އިމާރާތެއް ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ އާ ކޮންވެންޝަން ސެންޓަރެއް އެޅުން. ޕްލޭނިން މަރުހަލާގައި އޮތުމުން އިތުރު ތަފްސީލެއް ދެވެން ނެތް،" އަކްރަމް ވިދާޅުވިއެވެ.

ދަރުބާރުގެ މިހާރު ބޭނުންކުރަމުން އަންނަނީ ކޮވިޑުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ގޮތުގައެވެ.