މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުދިނީ ކޯޓުން ކަނޑައެޅި މުއްދަތުގެ މާ ފަހުންކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފިއެވެ.
ޑރ. އައިޝަތުއާ ދެކޮޅަށް އިބުރާ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ ތެރޭގައެވެ. ނަމަވެސް މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރެޖިސްޓްރާ ނިންމެވުމުން އެކަން ފަނޑިޔާރުންނަށް އިލްތިމާސްކުރުމުން މައްސަލަ ބަލައިގަންނަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފައެވެ.
ސިވިލްކޯޓަށް އިބްރާ ހުށަހެޅި ދައުވާގައި ވަނީ ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށާއި އެއީ ސަރުކާރުން ގާނޫނަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދިނުމަށް ކަމަށެވެ.
ދައުވާގައި އިބުރާ އިތުރަށް ވިދާޅުވީ ކޯޓުންތަކުން ކުރާ ހުކުމްތަކަށް ސަރުކާރުން ކިޔަމަންތެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ކޯޓުތަކުގެ ހުކުމްތަކަށް ކިޔަމަންތެރިނުވިޔަސް އެއްވެސް ކަހަލަ އަދަބެއް ނުދެވޭ ކަމަށެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލުކޮށް، ސަރުކާރުން އެތަން އަތުލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މިއަހަރުގެ އޭޕްރީލް 19 ވަނަ ދުވަހުއެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ. ސިވިލްކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ގެއްލުމުގެ ބަދަލު މަންދު ކޮލެޖަށް ލިބެން ޖެހޭ ކަމަށެވެ.
ސިވިލްކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލައިގައި މަންދު ކޮލެޖުގެ ފަރާތުން އެދުނީ ގެއްލުމުގެ ބަދަލުގައި 18 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ނަގައިދޭށެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެއެވެ.