"މުހައްމަދު ގާސިމް ޕްރީސްކޫލް" އަށް ވައްދަން ބޭނުންވާ ދަރިވަރުން ފޯމު ހުށަހަޅަން ހުޅުވާލައިފިއެވެ.
މިއަދު ހުޅުމާލޭގައި ހުޅުވި މި ސްކޫލަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ ސްކޫލެކެވެ. އެގޮތުން މި ސްކޫލްގައި އެލްކޭޖީ އަދި ޔޫކޭޖީ އަށް ކިޔަވައިދޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ. އެގޮތުން 750 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ހުޅުވާފައިވަނީ، 22 ދަރިވަރުންނާއި 6 މުދައްރިސުންނާއި 2 އެޑްމިނިސްޓްރޭޓިވް ސްޓާފުން އަދި 4 ސަޕޯޓް ސްޓާފުންނާއި އެކުގައެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ސްކޫލުގައި 10 ކްލާސްރޫމް، ހޯލް، ސްޓާފްރޫމް، މީޓިން ރޫމް، އޮފީސް، މިޔުޒިކް ރޫމް، ކޮމްޕިއުޓާ ރޫމް އަދި ޕްރިންސިޕަލް ރޫމެއް ހުރެއެވެ.
އެޑިޔުކޭޝަނުން ބުނީ، "މުހައްމަދު ގާސިމް ޕްރީސްކޫލް"ގެ އެލްކޭޖީ އަދި ޔޫކޭޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް https://myoffice.moe.gov.mv/forms/id/2 މި ލިންކު މެދުވެރިކޮށް ފޯމު ހުށައެޅޭނެ ކަމަށެވެ. އަދި މި ސްކޫލަށް ވަންނަ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް އެ ދަރިވަރަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމާ އެކު ސްކޫލަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މުހައްމަދު ގާސިމް ޕްރީސްކޫލް" ހުޅުވުމަށް އެ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެ ސްކޫލު ހުޅުމާލޭ ރައްޔިތުންނަށް ލިބުނީ އެންމެ އެކަށޭނަ ވަގުތުގައި ކަމަށެވެ. އަދި ތަނަވަސްކަމުގެ އަހުލުވެރިންނަށް މުޖުތަމައަށް ފައިދާ ހުރި ހެޔޮ ކަމެއް ކޮށްދެވެން ފުރުސަތު އޮތް ކޮންމެ ހާލަތެއްގައި އެ ކަމެއް އެންމެ އެކަށޭނަ ގޮތަކަށް ކޮށްދެއްވުމަށާއި، މިއީ ދުނިޔެ އާއި އާހިރަތުގައިވެސް އޭގެ ސަވާބާއި ދަރުމަ އެ މީހަކަށް ލިބޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު މީހުން އާބާދުވާ މިންވަރާ ބަލާފައި އެކަށީގެންވާ ވަރަށް ސްކޫލްތައް ބިނާކޮށްފައި ނެތުމުން އެތައް ދަތިތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާކަން ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ސަރުކާރުން މިހާރުވެސް އަންނަނީ ހުޅުމާލޭގައި ދެ ސްކޫލެއް ބިނާކުރުމުގެ މަސައްކަތްކުރަމުން ކަމުގައި ވިދާޅުވިއެވެ.
އޭގެ އިތުރުން، އަލީ ފިރާގު، އޭނާގެ ބައްޕަ އަލްމަރްހޫމް މުހައްމަދު ގާސިމުގެ ހަނދާނުގައި އިމާރާތްކޮށް، ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށް ޓަކައި އެ އާއިލާއަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.